ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލާގައި މިއަދު އިސްތިއުނާފީ ނުތުތާތައް ހުށަހަޅައިފިއެވެ.

އެ މައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލައި ހަ މަސް ދުވަހުގެ ތެރޭގައި 53 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ފަށާފައިވާއިރު ނައީމުގެ ފަރާތުން ވަނީ އިސްތިއުނާފީ ހަތަރު ނުކުރާއެއް ހުށަހަޅާފައެވެ.

އެގޮތުން ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ނައީމުގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވި ހެކިބަސް ނަގައި ނިމުނުފަހުން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ކްރިމިނަލް ކޯޓުން ބަލައިގެންފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ހެކިތަކަށް ރިއާޔަތްކޮށް މައްސަލައިގެ ނިންމުމަށް ވާސިލްވީ ރަގަޅަށް ނޫން ކަމަށެވެ. އަދި ޝަރީއަތަށް ހެކިބަސް ދިން މީހެއް ދެއްކި ވާހަކަ ނަފީކުރުމުގެ ބޭނުމުގައި ހެކި ހުށަހަޅާނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ.

އެ ނުކުތާއަށް ޖަވާބުދެެއްވަމުން ދައުލަތުގެ ވަކީލު އާދަމް އަމްރު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހެކިބަސް ނަގާ ނިމުނު ފަހުން ލިޔުންތަކެއް ހުށަހެޅީ ދިފާއީ ހެކިތަކެއްގެ އަދުލުވެރިކަމާމެދު ސުވާލު އުފެދުމުން ކަމަށާއި ބައެއް ހެކިން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާތީ އެކަން ސާބިތު ކުރުމަށް ކަމަށެވެ.

ނައީމުގެ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާއެއްގެ ގޮތުން ފާހަގަކޮށްފައިވަނީ ނައީމުގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑަށް ރައީސް ޔާމީން ނުފޫޒު ފޯރުވައިގެން އާ ރަށް ދިން ކަމަށް ބުނާއިރު ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރުމަކީ ރައީސްގެ މަސްއޫލިއްޔަތުތަކުގައި ހިމެނޭ ކަމެއް ނޫންކަމުން އެގޮތަށް މާނަކޮށް ދައުވާ ނުއުފުލޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ދައުލަތުގެ ވަޒީރުންނަށާއި ނައިބު ރައީސަށް ކަންކަން ކުރުމަށް އެންގުމާއި ލަފާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ކަމަށާއި ޓޫރިޒަމް މިނިސްޓަރު ވަކިކުރެވޭނެ ބާރު ރައީސަށް ލިބިގެންވާއިރު އެ މިނިސްޓްރީގެ ކަންކަމަށް ނުފޫޒު ފޯރުވޭނެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދަބާ ގުޅޭ ގޮތުން ވާހަކަދައްކަން ދަށު ކޯޓުން އެކަށީގެންވާ ވަގުތު ދީފައި ނުވާކަން ފާހަގަކުރައްވާ ނައީމުގެ ދިފާއީ ވަކީލުން ވިދާޅުވީ އެކަމަށް ދީފައިވަނީ ދޮޅު ގަޑިއިރު ކަމަށާއި އެހެންނަމަވެސް މަދު ވެގެން 10 ދުވަހުގެ ފުރުސަތު ދޭން ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ. އެ ނުކުތާއަށް ރައްދުދެއްވާ ދިފާއީ ވަކީލު ހުސައިން ސާމީ ވިދާޅުވީ އަދަބާ ގުޅޭ ގޮތުން ވާހަކަދައްކަން ދޭނެ މުއްދަތަކީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ.

ފަހު ނުކުތާއެއްގެ ގޮތުގައި ނައީމުގެ ފަރާތުން ފާހަގަކުރައްވާފައިވަނީ އެހެން އަދަބުތައް ކަނޑައެޅެން އޮއްވައި ޖަލު އަދަބު ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު އީނާ މޫސާ ވިދާޅުވީ ގާނޫނުގައި އޮންނަ އަސާސީ އަދަބަށް ކުށް ސާބިތުވާ މީހެއްގެ މައްޗަށް އަދަބު ކަނޑައެޅުމަކީ ބޭއިންސާފެއް ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

ފަނޑިޔާރު ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ބެންޗަކުން މިއަދު މި މައްސަލަ ފަށާފައި ވާއިރު ފަނޑިޔާރު ޝަފީއު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ދިން ޖަވާބުތަކަށް ނައީމުގެ ފަރާތުން ރައްދު ދޭން ބޭނުންވާ ނަމަ އެ ކަމަށް ފުރުސަތު ދިނުމާއި ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުން ކަމަށެވެ.