ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ އިންސްޕެކްޓާ ކޯސް 4 ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ ފަރާތުން އެހީތެރިކަމަށް ރައްޔިތަކު އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސް، އަލިމަގެއް ނުފެނުމުން ކަމަށެވެ. އެހެންކަމުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދިނުމަށް ނަވީން އެދިވަޑައިގެންނެވިއެވެ.
ދިވެހި މުޖުތަމައަކީ ހުޅުވިފައިވާ މުޖުތަމައަކަށް ވުމާއެކު، އިންސްޕެކްޓާ ކޯސް ފުރިހަމަކުރި ކަމުގައި ވިޔަސް ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ލެވެލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް ފެންވަރު ރަނގަޅު، ޑިސިޕްލިން ފުލުހަކަށް ވާން މަސައްކަތް ކުރުމަށް ވެސް ނަވީން ފުލުހުންނަށް އިރުޝާދު ދެއްވިއެވެ. ނަޒާހަތްތެރި، ޒިންމާދާރު، އަދި ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ގޮވައިގެން މަގުދައްކާ ފުލުހަކަށް ވާން މަސައްކަތްކުރުމަށް ކޯސް ފުރިހަމަ ކުރި ފުލުހުންގެ ކިބައިން ސީޕީ ނަވީން އެދިވަޑައިގަތެވެ.
މީގެއިތުރުން ސީޕީ ވިދާޅުވީ އިންސްޕެކްޓާ ކޯސް ފުރިހަމަކޮށް މަސައްކަތަށް އެނބުރި ދާއިރު، ގާބިލް އޮފިސަރެއްގެ ކިބައިން ފެންނަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި މަސައްކަތުގެ މައިދާނުގައި ކޯހުން ލިބުނު އިލްމާއި ހުނަރު ބޭނުންކުރަން ޖެހޭނެ ކަމަށެވެ.