މާލޭގެ ގެއަކުން މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ހޯމް މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީއަށް ރައީސް އަންގަވާފައި ވަނީ މިއަދުއެވެ.

މި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ހާދިސާގެ މައުލޫމާތު ލިބުމުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައި ވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެކި، ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން
  • ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން
  • ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަން
  • ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން އޮފް ކްރައިމް އޮފިސަރު ސީން ދޫކޮށްލައިފައިވާކަން
  • މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން

މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް ފިޔަވަޅު އެޅުމަށާއި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ކުރިޔަށް އޮތް ތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށް ރައީސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ގ. އެރިއަދޫ، ދާއޫދު އަހުމަދު މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާންދިީފައިވާތީ އަދި ޔުމްނު ވެއްޓުނުކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި ދާއޫދުގެ އިތުރުން އޭޕްރީލް 18 ވަނަ ދުވަހުގެ ހެނދުނު ރައުދު އަހްމަދު ޒިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ ރިޔާސީ ކޮމިޝަނުގެ ލަފަޔާ އެއްގޮތަށް އެކަން އިތުރަށް ތަހުގީގު ކުރުމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗް އަދި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ)އިން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ:

  • ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައިޖީއެމްއެޗްގެ އައިސީޔޫއިން އެފްޕީޔޫއަށް އެންގުމަށްފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާކަން
  • އެފްޕީޔޫގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ އާއިލާއިން އެދިއްޖެނަމަ، އެފްޕީޔޫގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަކަން
  • ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާ ކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ގަރީނާ ނުގެއްލޭ ގޮތަށް އެ މައުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެކަމާއި އެކަން ކުރުމުގައި އައިޖީއެމްއެޗްގެ އެފްޕީޔޫއިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން

މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައިޖީއެމްއެޗް އަދި އެ ހޮސްޕިޓަލުގައި ހުންނަ އެފްޕީޔޫގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް މިނިސްޓްރީއަށް ރައީސް ވަނީ އަންގަވާފައެވެ.