ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ބޭރުގެ 2 މަސްބޯޓެއް އަތުލައިގެންފިއެވެ.

އެއީ ސްރީލަންކާއަށް ނިސްބަތްވާ 2 ބޯޓް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ 2 ބޯޓު ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ 2 މަސްބޯޓާމެދު ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމަށް އެ 2 ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެމްއެންޑީއެފްއިން ވަނީ އަތުލައިގެންފައެވެ.