އެކި ދާއިރާތަށް ހިމެނޭހެން 2،500 އެއްހާ މީހުން މޯލްޑިވެސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ ގުޅިއްޖެއެވެ.

ގިނަ އަދަދެއްގެ މީހުން އެމްޑީޕީއާ ގުޅުނުކަން ފާހަގަ ކުރައްވާ ޕާޓީގެ ޗެއާޕާސްން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕާޓީއެއް ހަދަން ބޭނުންވާ އެންމެ މަދު އަދަދު 3،000 ހަމަވެގެން ހުއްޓާ ނުލައްވާނެ ކަމަށެވެ. އޭނާ އެކަން އަމާޒު ކުރެއްވީ އެމްޑީޕީގެ ތެރެއިން ވަކިވެ އުފަދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް އަށް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެ ފޯމުތަކަކީ އެމްޑީޕީގެ ހަރަކާތެއް މުޅި ރާއްޖޭގައި ހިންގިއިރު ލިބިފަ ހުރި ފޯމުތައް ކަމަށެވެ.

އެމްޑީޕީއަށް ސޮއި ކުރި މީހުންގެ ދާއިރާތައް:

  • ހދ. މަކުނުދޫ ދާއިރާ ‏
  • ގދ. ތިނަދޫ ދެކުނު ދާއިރާ
  • ދ. ކުޑަހުވަދޫ ދާއިރާ ‏
  • ކ. ތުލުސްދޫ ދާއިރާ
  • ގދ. ފަރެސްމާތޮޑާ ދާއިރާ
  • ށ. މިލަންދޫ ދާއިރާ
  • ގދ. ގައްދޫ ދާއިރާ
  • ގދ. މަޑަވެލި ދާއިރާ
  • ނ. މަނަދޫ ދާއިރާ ‏
  • ނ. ކެނދިކުޅުދޫ ދާއިރާ ‏
  • ލ. އިސްދޫ ދާއިރާ ‏
  • ތ. ތިމަރފުށި ދާއިރާ

އެމްޑީޕީއަކީ އަބަދުވެސް ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީ އިން ކުޑަ މަސައްކަތެއް ކޮށްލައިގެން 2،500 އެއްހާ ފޯމު ލިބިފައި ވާއިރު އޭގެތެރޭގައި ވޭތުވެ ދިޔަ ދެ ތިން ދުވަހެއްގައި އައްޑޫއިން އެމްޑީޕީއާ ގުޅުނު މީހުންގެ ފޯމްތައްވެސް ހިމެނޭ ކަމަށެވެ. އެމްޑީޕީގެ ޓާގެޓަކީ ކުރިން އޮތް އަދަދާ ހަމައަށް، ގާނޫނީ ގޮތުން ރަޖިސްޓްރީވެގެން ތިބި މެންބަރުންގެ އަދަދު ގެންދިއުންކަން ފާހަގަ ކުރައްވާ، ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކޮށްގެން އެ ޓާގެޓަށް ވާސިލްވާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

2،500 އެއްހާ މީހުން އެމްޑީޕީއާ ގުޅިފައި ވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފައްދަން ހުށަހަޅާފައިވާ ޕާޓީ "ދަ ޑިމޮކްރެޓްސް" އާ ގުޅުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ޕާޓީއިން ވަކިވެފައެވެ.

"ދަ ޑިމޮކްރެޓްސް" އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޕާޓީން ވަކިވެފައިވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.

އެމްޑީޕީއާ އަލަށް ގުޅުނު 2500 އާ އެކު މިހާރު ޖުމްލަ 60،160 އަށް އެރީއެވެ. ނަމަވެސް ޑިމޮކްރެޓްސް އަށް ވަން މީހުން އުނިވުމުން އެ އަދަދު ވެއްޓޭނެ ކަމަށް ބެލެވެއެވެ.