ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބާރު ފޯރުވަން ކަމަށް އެމްޑީޕީން ބުނެފިއެެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މިއަދު ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖަވާބުދާރީ ވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުދީއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ދެ ފަނޑިޔާރުން ވަކި ކުރުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިނގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލެއް ކަމަށެެވެ. ރައިސް މުއިއްޒުގެ ބާރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔައީ ވެސް އަމަލު ކުރަމުން އަންނަ އުސޫލުތައް މުގުރާލައި ގާނޫނުތަކާ ހިލާފަށް ކަމަށް އެމްޑީޕީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދެއްވި ލަފާގައި ވަނީ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލާފައި ވަނީ ގާނޫނާ ހިލާފަށް ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި ކަމަށް އެމްޑީޕީން ބުނެއެެވެ. ހަމައެއާއެކު ކޮމިޓީ މަރުހަލާގައި ދެ ފަނޑިޔާރުންނަށް ވެސް ޖަބާރުދާރީވުމުގެ ފުރުސަތު ދީފައިނުވާ އިރު، އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން ދިފާއުވުމުގެ ހައްގުން މަހްރޫމް ކޮށްފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުނެއެެވެ.
މީގެ އިތުރުން ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ހިންގާފައިވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި، އިންސާފުގެ ހަމަތަކާއި ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި މިއީ ރާއްޛޭގެ ޖުޑިޝަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ގައުމަށް ލިބޭނެ ކަމެއް ކަމަށް އެމްޑީޕީން ބުނެއެެވެ.