މޯލްޑިވްސް-ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާ (ފްރީ ޓްރޭޑް އެގްރީމެންޓް) ހިމަނާފައިނުވާތީ އެމްޑީޕީގެ ކަންބޮޑުވުންފާޅުކޮށްފިއެވެ.

އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހްގެ ސަރުކާރުގައި މަސްވެރިންނާ މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅު ކުރުމަށް ފެށި އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތުން 2020 ވަނަ އަހަރު ޑިޔުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ކުޑަވެގެންދިޔަކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޑިޔުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ވަނީ ދެ ގައުމުން އެއްބަސްވެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެގޮތުން ފުރަތަމަ މަޝްވަރާތައް ނިމި، އިނގިރޭސިވިލާތުގެ ސަރުކާރުން ފްރީ ޓްރޭޑް އެގްރީމެންޓްއާ ގުޅޭގޮތުން އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ޖޫން 8، 2023ގައި ހުޅުވާލާފައިވާކަން ފާހަގަކޮށް އެމްޑީޕީއިން ބުނީ ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކުރެވިފައި ވަނީ މި އަހަރު އެގްރީމެންޓް ތަންފީޒު ކުރުމަށް ކަމަށެވެ.

އެމްޑީޕީއިން ބުނީ އެ ޕާޓީއިން ދެކެނީ މި އެގްރިމެންޓަކީ މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެއް ކަމަށެވެ. އަދި ދިވެހިރާއްޖެއިން ވެލިއު އެޑް ކުރެވިގެން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ދަޅުމަސް ކަމަށް ވާއިރު، މީގެތެރެއިން 50 ޕަސެންޓަށްވުރެ ގިނައިން އެކްސްޕޯޓް ކުރެވެނީ އިނގިރޭސިވިލާތައް ކަމަށެވެ.

އެހެންކަމުން އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރި ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށާއި މަސްވެރިން އަތުން ގަންނަ މަހުގެ އަގު މަތިވެގެންދާނެ ކަމެއްކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީއިން ބުނީ މި އުންމީދުގައި ރައްޔިތުން ތިބިހިނދު، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ފްރީ ޓްރޭޑް އެގްރީމެންޓުގެ ވާހަކަ ހިމަނާފައި ނުވާކަން ހާމަވެފައިވާ ކަމަށެވެ. އަދި މިކަމާމެދު އެމްޑީޕީއިން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

މި ޑައަލޮގުގައި ފްރީ ޓްރޭޑް އެގްރީމެންޓްގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުނަނަށް ހާމަކޮށްދިނުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.