މަޖިލީހުގެ ހަމަޖެހުން ނައްތާލަން މަސައްކަތް ކުރާތީ ހައިރާން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާ، އެ މައްސަލާގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި މައިނޯރިޓީގެ ވާހަކަ އަޑުއެހުމަކީ އަސާސީ އުސޫލެއް ކަމަށާއި މަޖިލީހުގެ ރައީސް، ނަޝީދު ޒުވާން ޑިމޮކްރަސީގައި ދަމަހައްޓަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.
އެ މައްސަލާގައި 50 މެންބަރުންގެ ސޮއި މިހާރު ހަމަކޮށްފައި ވާއިރު އޭގެ ތެރޭގައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސޮއިވެސް ހިމެނިވަޑައިގަންނަވައެވެ. ސިޔާމް ސޮއިކުރައްވާފައި ވާއިރު އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ، ކޯލިޝަންވެސް ހައްދަވާފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްވީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. އެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވިއިރު އެގޮތަށް ފާސްކޮށްފައި ވަނީ 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ.
މިއަދު މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަމަލުކުރައްވާ ގޮތުން ކަމަށާއި މިއީ މެންބަރުންގެ ކަންބޮޑުވުން ހުރި މައްސަލައެެއް ކަމަށާއި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޕީޖީ ގްރޫޕުގެ ނިންމުމަކަށް ވީ ނަޝީދު މަގާމުން ވަކިކުރުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރައީސް ކަމުގެ މަގާމު ގަބޫލުކުރަން ތައްޔާރަށް ހުންނެވި ކަމަށް އަސްލަމް ވިދާޅުވިއެވެ.
ޕާލިމެންޓްރީ ގްރޫޕުން ނިންމާ ނިންމުމަކާ އެއްގޮތަށް ހުންނަވާނެ ކަމަށާއި އެ ނިންމުމަކީ މަޖިލިސް ރައީސްކަން އޭނާއަށް ހަވާލު ކުރުން ކަމުގައި ވާނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.