55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ޝަރީފް ވިދާޅުވީ އެއްބަސްވުން ބާތިލުކުރަން ނިންމީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށެވެ. އެއާއެކު ޝަރީފް ވިދާޅުވީ މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ހެކްސްޓާ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ.
55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހެވެ. މި އެއްބަސްވުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެއް ނުވެއެވެ.
މި ކައުންސިލް އިމާރާތްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވާ ވައުދުގެ ދަށުން ކޮންޓްރެކްޓަރު ފައިނޭންސް ކުރާ ގޮތަށް އަޅަން ނިންމި ކައުންސިލް އިމާރާތްތަކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް ވަނީ 187 ރަށަކުން ކައުންސިލް އިމާރާތްތައް އަޅަން އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.