އެމެރިކާ އާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަށް 10 ވަނަ އިސްލާހު ގެނެސް، ކުރިއަށް އޮތް އަހަރަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށް ދިނުމަށް ސޮއިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ސޮއިކުރި މި އެއްބަސްވުމަކީ 2019 ވަނަ އަހަރު މާޗު މަހު ސޮއިކޮށްފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް އެކެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 7.2 މިލިއަން ޑޮލަރު (110.8 މިލިއަން ރުފިޔާ) ގެ އެހީ އެމެރިކާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއާއި ދިވެހި ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ފުޅާވެ، އެމެރިކާއާއި ރާއްޖޭން އިސްކަންދޭ ކަންކަން ކުރިއެރުވުމަށް އޭހިވެދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއީ ހަމަޖެހޭ ފާގަތި މުސްތަގުބަލަކަށް ދިވެހީންކުރާ މަސައްކަތަށް ދޭ އެއްބާރުލުމަށް ބާރުއަޅާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާހުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލެވެ. އަދި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑް މިޝަން ޑައިރެކްޓަ ގެބްރިއަލް ގްރައުއެވެ.