ޔޫކްރައިންގައި ގާއިމު ކޮށްފައި ވާ ދިފާއީ މަގާމުތަކުގެ ތެރެއިން ގިން ތަންތަން ހަލާކު ކޮށްލެވި 250 ސިފައިން މަރާލެވިއްޖެ ކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން މިވާހަކަ އިއުލާން ކުރި އިރު މިކަމާ ގުޅޭ ގޮތުން ޔޫކްރައިން އިން އަދި އެއްޗެއް ނުބުނެއެވެ.
ރަޝިއާ އާ ދެކޮޅަށް އިންތިޒާމް ކުރެވިގެން ވަރުގަދަ ރައްދު ހަމަލާތަކެއް ފަށަން ތައްޔާރުވެފައި ވާކަން އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ އިއުލާން ކުރެއްވާފައި ވީ ނަމަވެސް ހަފްތާ ފެށިގެން އައި އިރުވެސް ޔޫކްރައިންގެ އެ ހަމަލާތަކެއް ނުފެނެއެވެ.
ރަޝިއާގެ އޮފިޝަލުން ވިދާޅުވީ، ޔޫކްރައިންގެ ގިނަ މަގާމުތައް ހަލާކު ކޮށްލެވިފައި ވާ އިރު އެންމެ ފަހުން ދިފާއު ގާއިމު ކުރި ޑޮނެސްކް ސަރަހައްދުން 2 ޓޭންކާއި މެނުއަލްކޮށް ބޭނުންކުރާ 6 ނިޒާމެއް ހަލާކުކޮށްލި ކަމަށެވެ. ޑޮނެސްކް ވާހަކަ ރަޝިއާއިން ފާހަގަ ކުރީ އެ ސަރަހައްދުގެ 5 ދިމާލަކުން އިއްޔެ ރަޝިއާ އަށް ހަމަލާތައް ދެން ފެށުމުންނެވެ. އެއީ ރަޝިއާއަށް ވަދެގަތުމަށްޓަކައި އެންމެ ފަސޭހަ ސަރަހައްދު ކަމަށް ކީވް އަށް ހީވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ރަޝިއާގެ ޗެނަލްތަކުން އާންމު ކުރި ވީޑިއޯ އަކުން ފެންނަ ގޮތުގައި 16 ޓޭންކެއް ވަނީ ހަލާކު ވެފައެވެ. ނަމަވެސް އެއީ ޔޫކްރައިންގެ ކޮން ސަރަހައްދުތަކަކުން ކަމެއް ސާފެއް ނުވެއެވެ.
ޔޫކްރައިންގެ އޮފިޝަލުން ޓެލެގްރާމްގައި އާންމު ކުރި މެސެޖެއްގައި ބުނެފައި ވަނީ ރަޝިއާ އާ ދެކޮޅަށް ދޭ ހަމަލާތަކަށް ފުރިހަމަ އަށް ތައްޔާރުވެފައި ވާ ކަމަށާއި ހަމަލާ ދޭނީ އާންމުކޮށް އިއުލާން ކޮށްގެން ނޫން ކަމަށެވެ. އަދި އެކަން ހިނގާނެ ކަމަށާއި ހަމަލާ ވަރުގަދަ ވާނެ ކަމަށް ބުނެއެވެ.
ރަޝިއާގެ ބެލްގޮރޮޑްގައި ރަޝިއާ އާ ދެކޮޅަށް ހަމަލާ ދޭ ހަތިޔާރު އެޅި ރަޝިއާގެ ޖަމާއަތްތަކުން ބުނާ ގޮތުގައި، އެމީހުން ވަނީ ރަޝިއާގެ ސިފައިންގެ ބަޔަކު އަތުލައިގެންފައެވެ. މިކަމާ ގުޅިގެން ބެލްގޮރޮޑްގެ ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ، ސިފައިން ދިރި ތިބި ނަމަ ހަނގުރާމަ ވެރިންނާ ބައްދަލުކުރަން ތައްޔާރު ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ބައްދަލު ކޮށްފައި ނުވާތީ ހަނގުރާމަވެރިން ބުނެފައި ވަނީ އަތުވި ސިފައިން ހަވާލު ކުރާނީ ޔޫކްރައިން އާ ކަމަށެވެ.
ބެލްގޮރޮޑް ސަރަހައްދުގައި ހަތިޔާރު އެޅި 2 ޖަމާއަތަކުން ރަޝިއާ އާ ދެކޮޅަށް ހަމަލާ ދެމުން އެބަގެންދެެއެވެ. އެ ހަމަލާތަކުގައި ބެލްގޮރޮޑްގެ ބައެއް ތަންތަން ހަލާކުވެ އިމާރާތްތަކާއި އުމްރާނީ ބައެއް ވަސީލަތްތަކަށްވެސް ގެއްލުން ވަމުން ދާ ކަމަށް އެ ސިޓީގައި އޮންނަ ސަރަހައްދީ ސަރުކާރުން ބުނެއެވެ.