ބިހާރުގެ ގަންގާ ކޯރު ހުރަސް ކޮށް އަގުވާނީ އިން ސުލްތާންގާންޖް އަށް އަޅަމުން ދިޔަ ބްރިޖް ކޯރުގެ މެދާ ދިމާއިން ބިންދައިގެން ގޮސް ވެއްޓިއްޖެއެވެ.
1700 ހާސް ކްރޯޑް ރުޕީސް ނުވަތަ 230 މިލިއަން ޑޮލަރުގެ މި ބްރިޖް ވެއްޓުމާއެކު ސަރުކާރަށް ފާޑުކިޔުންތައް އަަމާޒުވެފައި ވާ އިރު، އިދިކޮޅު ފަރާތްތަކުން ބުނީ، އެއީ ކޮމިޝަން ހޯދުމުގެ ސަގާފަތެއްގެ ތެރެއިން ކޮރަޕްޝަން ހިންގާތީ ވާގޮތެއް ކަމަށެވެ. އަދި މުޅި ސިސްޓަމް ވެއްޓޭ އިރުވެސް ފާޑުކިޔަނީ އިދިކޮޅުފަރާތް ތަކަށް ކަމަށެވެ.
ބްރިޖް ވެއްޓުނު މަންޒަރު ބަޔަކަށް ވީޑިއޯ ކުރެވިފައި ވާ އިރު ކޯރާ ދިމާއަށް އޮތް ބޮޑު ބައެއް ބިންދައިގެން ގޮސް ކޯރު ތެރެއަށް ވެއްޓޭތަން ފެނެއެވެ.
އަދި ހަދަމުން ދާ މި ބްރިޖުގެ ބޮޑުބައެއް ވެއްޓިފައި ވާ އިރު، ބިހާރުގެ ބެގުސަރާއީ އާ ދިމާއިން ބުރުހީ ގަންދަކު ކޯރާ ދިމާވާގޮތަށް އޮތް ބައެއް 2022 ވަނަ އަހަރުވެސް ވެއްޓިފައި ވެއެވެ. އަދި މި ބްރިޖުގެ 2-3 ތަނބެއްގައި ރެނދުލައިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފައެވެ. މީގެ އިތުރުން މީގެ 2 އަހަރު ކުރިންވެސް މި ބްރިޖްގެ ބައެއް ވެއްޓުނު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރެއެވެ. އަދި ހުސްވި އޭޕްރީލް މަހު ބިހާރަށް ކުރިމަތިވި ތޫފާނުގައިވެސް މި ބްރިޖަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބްރިޖް ހެދުމުގެ ތެރޭގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި ވާ އިރު ނަލަންދާ ޑިސްޓްރިކްޓުގައި މިދިޔަ ނޮވެމްބަރު މަހު ވަނީ ބްރިޖް މަސައްކަތުގައި އުޅުނު މީހަކު މަރުވެ އިތުރު މީހަކު ޒަހަމްވި ހާދިސާއެއް ވެސް ހިނގާފައެވެ. އަދި މީގެ ކުރިން ހަދާ ނިންމާ ނުހުޅުވެނީސް ވެސް ބްރިޖެއް ވެއްޓިފައި ވެއެވެ. އެހާދިސާ ހިނގީ ނިޝާންގާންޖް އާއި ސަހަރްޝާ ޑިސްޓްރިކްޓްގައެވެ.
އޭއެންއައި އިން ރިޕޯޓު ކުރާ ގޮތުގައި، މި އަގްވާނީ ސުލްތާންގާންޖް ބްރިޖް ވެއްޓުމުގެ ހާދިސާގައި މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.
ބްރިޖް ވެއްޓުމުގެ މިހާދިސާ އިންޑިއާގައި ހިނގި އިރު އިއްޔެ ވަނީ 3 ރޭލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މަރުވި މީހުންގެ އަދަދު 288 އަރާފައެވެ. އެހާދިސާގައި 800 މީހަކު ޒަހަމްވެފައި ވާ އިރު އެ އެންމެންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.