ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދަމަހައްޓައިފިއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީގައި ދަމަހައްޓަން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވުމުގެ އިތުރުން އިންޑިއާގެ ރިޒާވް ބޭންކާއި އެމްއެމްއޭ އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ.

މީގެއިތުރުން މި އަހަރުގެ ޖޫން 10 ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް 9.4 އިންސައްތަ އިތުރުވެފައިވާކަމަށާއި، މިއީ 2025 ވަނަ އަހަރަށް ފިޗުން ލަފާކުރާ ޖީޑީޕީގެ ކުރިއެރުން ކަމުގައިވާ 4.8 އިންސައްތައަށް ބާރުއަޅާ ކަމެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ފެށުމާއެކު، ސަރުކާރުން 2026 ވަނަ އަހަރު ޖީޑީޕީގެ ކުރިއެރުން 6.0 އިންސައްތައަށް އަރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އެއާއެކު އާމްދަނީ ރަނގަޅުވެ، ހަރުދަނާ ބަޖެޓު ކޮންޓްރޯލްތަކެއްގެ ސަބަބުން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އޯވަރޯލް ފިސްކަލް ސާޕްލަސް 1.1 ބިލިއަން ރުފިޔާގައި ހުރި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އެއާޕޯޓް ޓެކްސްއާއި ފީތަކުގެ އިތުރުން ގްރީން ޓެކްސް އަދި އިމްޕޯޓް ޑިއުޓީގެ ރޭޓުތައް މުރާޖައާކުރުން ފަދަ އާމްދަނީގެ އާ ސިޔާސަތުތަކާއެކު ބޭރު ފައިސާގެ އާމްދަނީ އިތުރުވެފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގެ ދަށުން ޖީޑީޕީއާ އަޅާބަލާއިރު ދައުލަތުގެ ދަރަނި ދަށަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށާއި، ބޭރު ފައިސާއާ ގުޅޭ ގާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާކަން މި ރޭޓިން އިން ހާމަވެފައިވާކަމަށެވެ.