އިންޓަޕޯލް އިން އިސްނަގައިގެން ހިންގި "އޮޕަރޭޝަން ސެކިއާ" ގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ކްރައިމް ސެންޓަރުން ބައިވެރިވެ، ކުށްކުރާ ނެޓްވޯކުތަކެއް އަތުލައިގެންފިއެވެ.
ފުލުހުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗާ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބާކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށް ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުން އޭޕްރިލް މަހުގެ ނިޔަލަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން އިންފޮމޭޝަން ސްޓީލިންގެ މަލްވެއާ އާއި ގުޅުންހުރި 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ނައްތާލެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ "އިންފޮމޭޝަން ސްޓީލާސް" އަކީ ބްރައުޒަރ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައި ހުންނަ ނުރައްކާތެރި މަލްވެއާއެއް ކަމަށާއި، މިފަދަ ގޮތަކަށް ހޯދާ މައުލޫމާތު ބޭނުންކޮށްގެން އިތުރު ސައިބާ ހަމަލާތައް ދިނުމަށްވެސް ބޭނުންކުރާ ކަމަށެވެ.
މި އޮޕަރޭޝަނާ އެކު ޖުމުލަ 41 ސާވާ އާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ އަތުލައިގަނެވުނުކަމަށާއި، ގާނޫނާ ހިލާފު ސައިބާ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރު ކުރެވިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަނުގައި 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދީފައިވާކަމަށާއި ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ސައިބާ ކްރައިމް ސެންޓަރުގެ ހެޑް ވިދާޅުވީ އޮޕަރޭޝަން ސެކިއާގައި ފުލުހުންގެ ސައިބާ ކްރައިމް ޓީމުގެ ދައުރަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައިބާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ފުލުހުން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށެވެ. އަދި އިންޓަޕޯލްއާއި ބައިވެރިވި އެހެނިހެން ގައުމުތަކާއެކު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ފަރުދުންނާއި ވިޔަފާރިތަކަށް ނުރައްކާވެފައިވާ މި ބާވަތުގެ ކުށްކުރާ ނެޓްވޯކުތައް ނައްތާލުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތުތައްވެސް އެއްކޮށްފައެވެ.