އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލައިފި އެވެ.
ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލާފައިވަނީ ރޭ ދަންވަރު 12 އިން ފެށިގެންނެވެ.
މި ބްރިޖު ހުޅުވާފައި މިވަނީ އައްޑޫ ސިޓީ ލިންކު ރޯޑުގެ ފެންވަރު ދަށްވެ، މަގު ބޭނުންކުރާ މީހުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާއިރު ބްރިޖު ހުޅުވުން ލަސްވުމާއި ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންނާއި ކައުންސިލުންވެސް ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށެވެ.
މިއީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހަދާފައިވާ ބްރިޖެކެވެ. މި ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ. މި ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފެށީ 2021 ގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި މަޝްރޫއުގެ މަސައްކަތް ނިންމައި، އެ ތަން ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އެވެ.
ހަންކެޑެ ބްރިޖަކީ އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލާ ހަތަރު ލޭން އެކުލެވޭ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު ބްރިޖެކެވެ.