އައްޑޫ ޑީވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގައި ހިމެނޭ ޑީޓުއާ ބްރިޖު މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ. މި ބްރިޖުގެ މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތަފްސީލު ދެމުން ކައުންސިލުން ބުނީ މި ޕްރޮޖެކްޓްގެ ކުރިޔަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ކްރޭޝް ބެރިއާ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުން ހިމެނެއެވެ. އަދި މި މަސައްކަތްކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތައް، ބްރިޖްގެ ދަށުން ނެގުން ހިމެނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމި މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތްކަމަށެވެ. އިތުރަށް ސިޓީ ކައުންސިލުން ބުނީ ހަންކެޑެ ބްރިޖްގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
މި މަޝްރޫއުގެ ދަށުން 1.463 ކިލޯ މީޓަރުގެ އާ 4 ލޭނުގެ ޑީޓުއާ ލިންކް ރޯޑެއް ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ. ޑީޓުއާ ފޯލޭން ލިންކް ރޯޑް އަޅަނީ އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން ދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށެވެ.