"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ދެ ގައުމުގެ ދެ މެދު އޮތް އިތިބާރު ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށް ރައީސްުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ބްރިޖަށް 6 އަހަރު ފުރުމާއެކު އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ބްރިޖަށް 6 އަހަރު ފުރުން ފަހުރުވެރިމަކާއެކު ފާހަގަ ކުރައްވާ ކަމަށެވެ.

އަދި އިންޖިނިއަރުންގެ މި ފާހަގަ ކޮށްލެވޭ މަސައްކަތަކީ ހަމައެކަނި ދެ ރަށެއް ގުޅާލުމުގެ އިތުރުން ދެ ގައުމުގެ މެދުގައި ދެމެހެއްޓެނިވި ގުޅުމާއި، ދެ ގައުމުގެ މެދުގައި އޮތް އިތުބާރު ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށެވެ. ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެއްބައިވަންތަކާއި ކުރިއެރުމުގެ އަލިގަދަ ހެއްކެއް ކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ބްރިޖުން ކުރިއަށް އޮތް ޖީލުތަކަށް ވެސް ފައިދާ ވެގެން ދާނެކަމަށެވެ.

ދިގުމިނުގައި ދެ ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖަކީ ރާއްޖޭގައި ތާރީހުގައިވެސް ކަނޑު ހުރަސްކޮށް އެޅި ފުރަތަމަ ބްރިޖެވެ.

ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިޔައިރު ދިވެހި ސަރުކާރުގެ ތެރެއިން އެ މަޝްރޫއާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ. މި ފައިސާގެ ތެރެއިން 113 މިލިއަން ޑޮލަރު ނުވަތަ މަޝްރޫއުގެ 57 ޕަސެންޓް ފައިސާ ދިނީ ޗައިނާ ސަރުކާރުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގަ އެވެ.

އަދި 67 މިލިއަން ޑޮލަރަކީ ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 15 އަހަރުން ދައްކަން ޗައިނާއިން ދިން ލޯނެކެވެ. މި މަސައްކަތުގައި ޗައިނާގެ 2000 އަށް ވުރެ ގިނަ މީހުން 24 ގަޑިއިރު މެދުކެނޑުމެެއް ނެތި މަސައްކަތް ކުރިއެވެ.