ގަން އިންޓަނޭޝަނަލް އެއާޕޯޓް ސަރުކާރުން ފަރުމާކޮށްފައި ވަނީ ކުރިމަގުގައި ވިޔަފާރިއާ ފަތުރުވެރިކަން ވެސް ފުޅާވާނެ މިންވަރު ވިސްނައިގެން ބޭނުންވާނެ ހިދުމަތްތަކަށް ވެސް ވިސްނުން ބަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގަން ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވައި މިއަދު ހަވީރު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިނގިރޭސީން އައްޑޫއިން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން، އައްޑޫގެ ތަރައްގީ ދިޔައީ ފަހަތަށް ކަމަށެވެ. އެކަން އަންގައިދޭ އެއްކަމަކީ އިނގިރޭސީން އައްޑޫއިން ފޭބިތާ 66 އަހަރު ފަހުން މިއަދު ގަން ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރަން ފަށަންޖެހުން ކަން ރައިސް ސޯލިހް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއަކީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިގްތިސޯދު 10 އަހަރުން ދެގުނަ ކުރުމަށްޓަކައި ސަރުކާރުން އިންގިލާބީ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި ގަން އެއާޕޯޓުން ވިޔަފާރިއާ ފަތުރުވެރިކަން ވެސް ފުޅާވާނެ މިންވަރު ވިސްނައިގެން ފަރުމާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެ އެއާޕޯޓް ތަރައްގީ ކުރުމުން ދެކުނު އަދި އައްޑޫގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރުމަށް ކުރަންޖެހޭ ދަތުރުތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ތަރައްގީ ކުރަމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާ، ގަން އެއަޕޯޓްގެ ކޯލްޑް ސްޓޯރޭޖާ ކާގޯ ފެސިލިޓީގެ ހިދުމަތާއެކު ގިނަ ތަކްލީފުތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައިސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ ކަމާއި އަދި އޯގަސްޓު މަހުގައި މިފްކޯގެ މަސްބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްގީކޮށް ނިމޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަން ކުރިއަށްދާނީ އެކުއެކީގައި ކަން ފާހަގަކުރައްވައި ހަންކެޑެގެ އިތުރަށް, ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރު ފަސް ރަށެއް ތަރައްގީ ކުރާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް ވީ. މުރަލީދަރަން އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވިއެވެ.
ވޯޓުލާ ދުވަސް ކައިރިވީމާ ކޮންމެކަމެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަމަޖެހެމުންދާނެ. ދެރައީ އާންމު މީހާގެ ދިރިއުޅުމަށް މީގެ އެއްވެސް ކަމަކުން ބަދަލެއް ނާންނާތީ.