އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ގާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވާން ފަށައިފިއެވެ.

މި މަޝްރޫއަކީ އެމްއޭސީއެލްގެ ދަށުން ހިންގާ "މޯލްޑިވްސް ޑިއުޓީ ފްރީ" ގެ ފަރާތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގަން އެއާޕޯޓުގައި މަތީ ފަންތީގެ ބައިނަލްއަގުވާމީ ޑިއުޓީ ފްރީއެއް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ލަގްޒަރީ ރީޓެއިލްގެ ހިދުމަތް ރާއްޖޭގެ ދެކުނަށް ތައާރަފްކުރުމެވެ. މީގެ ސަބަބުން ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިވެ، ފަތުރުވެރިކަމާއި އިގްތިސާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.

މިއީ ދިވެހިރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުގެ ދަށުން އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އެމްއޭސީއެލް އިން ބުނީ މި އާ ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ވައިގެ ރޫޓުތައް ދެކުނަށް ތައާރަފްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށެވެ. މީގެ އިތުރުން، މިއީ ވަޒީފާގެ ބާޒާރުގައި ދެކުނުގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށްވެސް އެމްއޭސީއެލް އިން ފާހަގަކޮށްފައިވެއެވެ. މި ހިދުމަތަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންނެވެ.

އައްޑޫސިޓީގެ އިގްތިސާދު ހަރުދަނާކުރުމަށް ގެންގުޅޭ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ، ރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އުފުލާލުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ އިގްތިސާދީ ގޮތުން މުހިންމު އަދި ދެމެހެއްޓެނިވި ކުރިއެރުންތަކެއް ލިބިފައިވާ މަންޒިލަކަށް ހެދުމެވެ.