ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް ހުރަހަކަށް ވެފައިވާ އީކުއޭޓާ ވިލެޖްގެ އެކޮމަޑޭޝަން ބްލޮކްގެ މައްސަލަ ހައްލުކޮށްފައިވާކަމަށާއި އެއާއެކު މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ އިކުއޭޓާ ވިލެޖްގެ ލޭބާކުއާޓާ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ އިން މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ. އެއާއެކު މުއްތަލިބު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖަށް ދޫކޮށްފައިވާ ބިމެއް ވަންނާތީ، އެ ބިން ހުސްނުކުރުމުގެ ސަބަބުން މަޝްރޫއު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއާއެކު މިނިސްޓަރު މުއްތަލިބު ވަނީ މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ މަޝްރޫއިން މަގު ހެދުން އުނިކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު މުއްތަލިބު ވަނީ އޭއައިއޭގެ މެނޭޖްމަންޓުން މި މައްސަލަ ހައްކުރުމަށްޓަކާ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓު މިނިސްޓްރީއާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

މުއްތަލިބު ވިދާޅުވީ މިނިސްޓްރީ އިން އެދުނު ތާރީހަށް މައްސަލަ ހައްލުވެގެން ދިޔައީ އައްޑޫ ރައްޔިތުންގެ އެއްބާރުލުމާއި، މިކަމަށް ބާރު އެޅުމުގެ ސަބަބުންކަން ފާހަގަކުރައްވާ އެކަމަށް ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.