އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ މާދަމާއަށް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މި މައްސަލަ ބެލުމަށް އެޖެންޑާކުރި މީ 2 ވަނަ ފަހަރެވެ. މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.

ލިޔުމުން ޖަވާބު ދާރީވުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި، މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރު މަޝްވަރާކުރުމަށް ފަހު، އެއްބަސްވެވޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން ނިޒާމީ ނުކުތާ ބަލައިގަންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި އާންމު ކޮމިޓީން ކަންކުރާނެ ގޮތް ނިންމާފައި ވަނީ ބަންޑާރަ ނައިބު ހާޒިރުވާނެ ކަމަށް ބަލައިގެން ކަމަށް ވުމުން ލިޔުމުން ޖަވާބުދާރީވާ ހާލަތުގައި އަމަލުކުރާނޭ ގޮތެއް އާންމު ކޮމިޓީން ނިންމާފައެއް ނުވެއެވެ. އެހެންވުމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލީހު ޖަލްސާ މެދުކަނޑާލުމަށްފަހު އެ މަޝްވަރާކޮށް، މަޖިލީހުގެ ޖަލްސާ އަލުން ފައްޓަވައި ނަޝީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީން ގަބޫލުކުރާ ގޮތުގައި ބަންޑާރަނައިބަށް ޖަވާބުދާރީ ވެވަޑައި ގެންނެވޭނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ، ގާނޫނުއަސާސީގައި ބަންޑާރަނައިބަށާއި ވަޒީރުބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ ކިތާބީ ހެއްކާއެކު މަޖިލީހުގައި އަނގަބަހުން ޖަވާބުދާރީވުން ކަމަށް ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން ދެކޭ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 11 ވަނަ ދުވަހު، 13 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ސޮޔާއެކުވެ.

ބަންޑާރަނައިބުގެ އިތުރުން، ރާއްޖެ މޮރިޝަސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ އަންނަ އަންގާރަ ދުވަހަށް ޝާހިދުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.