ބަންދުގައި ހަ މަސް ދުވަސް ހޭދަވެފައިވާ ގައިދީއެއްނަމަ އެ މީހަކު އަމިއްލައަށް ވެސް ކައިވެނިކުރަން އެދި ހުށަހެޅޭނެ ކަމަށް އަލަށް އާންމުކުރި "ހުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު" ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް ކައިވެނިކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އުސޫލުތަކެއް އެކުލަވާލައި، "ހުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު" އާންމުކޮށްފައިވާއިރު މީގެ ކުރިން ގައިދީން ކައިވެނިކުރަނީ އެކަމަށް އެދި އާއިލާއިން ފޯމެއް ހުށަހަޅައިގެން ކަރެކްޝަނުން ހުއްދަ ލިބުމަށްފަހު ނަމަވެސް އަލަށް އެކުލަވާލި ގަވާއިދާއެކު މިހާރު ގައިދީ އަމިއްލައަށް ވެސް ސިޓީއަކުން ކަރެކްޝަނުގައި އެކަމުގެ ހުއްދައަށް އެދެވޭނެއެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ ކައިވެނިކުރުމުގެ ފުރުސަތު ދޭނީ ޖަލުތަކުގައި ބަންދުކޮށްފައިވާތާ ހަ މަސް ދުވަސް ވެފައިވާ ގައިދީނަށް ކަމަށާއި ގޭ ބަންދުކޮށްފައި ހުންނަ ގައިދީއެއް ނަމަ އޭނާގެ މައްޗަށް ހުކުމެއް ކަނޑައެޅި ތާރީހުން ފެށިގެން ކޮންމެ ވަގުތެއްގައި ވެސް ކަރެކްޝަނުގައި ސިޓީއަކުން އެދިގެން ކައިވެނިކުރެވިދާނެ ކަމަށެވެ.

ކައިވެނިކުރަނީ ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުން ކަމުގައިވާ ނަމަ އެ ދެ މީހުންނަށް ކައިވެނިކުރުމުގެ ފުރުސަތު ދެވޭނީ އޭގެ ތެރެއިން އެކަކު ޖަލުން މިނިވަންވުމުން ކަމަށާއި ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ކަރެކްޝަންސްއަށް ސިޓީއެއް ހުށަހަޅަންވާނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި އެ ސިޓީއާއެކު ވަލީވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމުގެ ޒިންމާ އުފުލަންވާނީ ކައިވެނިކުރާ އަންހެންމީހާ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ސިޓީ ހުށަހަޅަތާ ހަތް ދުވަހުގެ ތެރޭގައި ކައިވެނިކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުއްދަ ދިނުމުން ކައިވެނިކުރެވޭނީ ފެމެލީ ކޯޓުގައި ނުވަތަ އެ ގައިދީ ހުރި ޖަލެއް ގާއިމުކޮށްފައިވާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ކައިވެނިކުރުމަށް ހިނގާ ހަރަދު ހަމަޖައްސާނީ އެ ގައިދީއަކު އަމިއްލައަށް ކަމަށާއި އެހެންނަމަވސް ކައިވެނިކުރުމުގައި ކަރެކްޝަންސްގެ އެހީތެރިކަން ބޭނުންވާ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.