ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ނުދާން ވިދާޅުވި ނަމަވެސް "ކަނޑު ވިއްކުމާ ދެކޮޅު" އިއްތިހާދުން މާދަމާ ބާއްވާ ޖަލްސާގައި ޖޭޕީގެ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ "ކަނޑު ވިއްކުމާ ދެކޮޅު" އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ޖޭޕީއިން މި މަސައްކަތުގައި ރަސްމީ ސިފައެއްގައި ބައިވެރިނުވި ނަމަވެސް ޖުމްހޫރީ ޕާޓީގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތާއީދު ލިބޭ ކަމަށާއި ޖޭޕީގެ ގިނަ މެންބަރުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. އަދި މިއީ ސުލްހަވެރި ކަމާއެކު ރަސްމީ ސިފައެއްގައި ބާއްވާ ގައުމީ ޖަލްސާއެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
"ކަނޑު ވިއްކުމާ ދެކޮޅު" އިއްތިހާދުން އިޓްލޮސްގެ ނިންމުމާ ދެކޮޅަށް ސޮއި ކުރަމުން އަންނަ ޕެޓިޝަންގައި މިހާތަނަށް 60،000 މީހުން ސޮއިކޮށްފައިވާ ކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ. އަދި އެ ޕެޓިޝަންގައި ހުރިހާ ދިވެހި ރައްޔިތުންގެ ސޮއިގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސޮއި ވެސް ބޭނުންވާ ކަމަށް އެ އިއްތިހާދުން ވަނީ ބުނެފައެވެ. އަދި މާދަމާ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ބާނާ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު"އަކީ ސިޔާސީ ޖަލްސާއެއް ނޫންކަމަށާއި އެއީ ގައުމީ އަދި ވަތަނީ ޖަލްސާއެއް ކަމަށް އެ އިއްތިހާދުން ވަނީ ބުނެފައެވެ.
އެ އިއްތިހާދުން އިތުރަށް ބުނީ ސަރުކާރުން މި ޖަލްސާ "ބަގާވާތެއް"ގެ ގޮތުގައި ސިފަކޮށްފައި ވަނީ ޖަލްސާއަށްދާ މީހުންގެ އަދަދު މަދު ކުރުމަށް ކަމަށެވެ. ނަމަވެސް މި ފަހުގެ ތާރީހެއްގައި ބޭއްވޭ އެންމެ ބޮޑު ގައުމީ ޖަލްސާއަށް މި ޖަލްސާވެގެން ދާނެކަމަށް އެ އިއްތިހާދުން ވަނީ ބުނެފައެވެ.
މި ޖަލްސާއިން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި އިޓްލޮސްގެ ނިންމުމަކީ ކިހިނެއް ނިންމި ނިންމުމެއްކަން އެނގިގެންދާނެ ކަމަށް އެ އިއްތިހާދުން ބުނެއެވެ. އަދި މި ކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާއި މިކަމުގައި އިހުމާލުވީ ފަރާތްތައް ވެސް ޖަލްސާއިން އެނގިގެންދާނެ ކަމަށް އިއްތިހާދުން ބުނެއެވެ.