ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމައިގައި މިލިއަނަކަށް ވުރެ ގިނަ މީހުން ރަޝިއާ އަށް ގޮސްފައި ވާ އިރު، އޭގެ ތެރެއިން ބައެއް މީހުންނަކީ އަދި ކުދިންނަނީ ރަޝިއާ ސިފައިން ގެންދިޔަ މީހުންނާއި ކުދިންނެވެ.

އުމުރުން 15 އަހަރުގެ ލަދުރަކި ސަޝާ ކަރެއިންޔުކް އައި އަރްތެމް އަކީ ޔޫކްރައިންގެ އިރުއިތުރު ރަށެއް ކަމަށް ވާ ކުޕްޔާންސްކް ގެ ސްކޫލެއްގައި ތިއްބާ ރަޝިއާ ސިފައިން ގެންދިޔަ 13 ކުދިންގެ ތެރޭގައި ހިމެނޭ ދެކުދިންނެވެ.

ހުސްވި ސެޕްޓެމްބަރުގައި ރަޝިއާ ސިފައިން އެކުދިން ގެންގޮސް ބޭތިއްބީ ރަޝިއާގެ ސިޓީއެއް ކަމަށް ވާ ޕެރަވަލްސްގެ ސްޕެޝަލް ނީޑްސް ސްކޫލެއްގައެވެ. އެ ކުދިންގެ މަންމައިންނާ ހަވާލާދީ ރިޕޯޓްތަކުން ބުނާ ގޮތުން، އެ ކުދިންނަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނެވެ.

އެކުދިން އަނބުރާ ގައުމަށް ގެނައުމުގެ ފުރުސަތު މައިންފަބައިންނަށް ދީފައި ވާ އިރު، އެކުދިން ބަލައި މަންމައިން ކުރަން ޖެހުނު ދަތުރުގެ ބިރުވެރިކަމާއި ނުރައްކާ ހިއްސާ ކުރަމުން އަރްތެމްގެ މަންމަ ބުނީ، ހަނގުރާމަ ހިނގަމުން ދިޔަ ސަރަހައްދުތަކުގެ ތެރެއިން އެތައް ހާސް މޭލެއް ކަޑައްތު ކޮށް ރަޝިއާ އަށް ވަންނަން ކުރަން ޖެހުނީ ބިރުވެރި ތަޖުރިބާއެއް ކަމަށެވެ.

"އަހަރެން ނަށް އެކުދިން ފެނުނު އިރު ތިބީ ރަޝިއާ ސިފައިންގެ ޔުނިފޯމް ލައްވާފައި، ސްކޫލް ޑައިރެކްޓަރާ ވާހަކަ ދެއްކީމައި ބުނީ، އޭނާ އަކަށް އެކަން މައްސަލައަކަށް ނުވި، ބުނީ ތިމަންނާ ކީއްހޯ ކުރާނީ"
އެރްތެމް ގެ މަންމަ

އޭނާ ޝަކުވާ ކުރީ އެކުދިން ލައްވާފައި ތިބި ޔުނިފޯމްގެ ކަނާއަތުގައި ރަޝިއާގެ ދިދައާއެކު ޖަހާފައި އޮތް ޒެޑް އަކުރާ ގުޅިގެންނެވެ. އެ ޒެޑް އަކުރު ރަމްޒު ކޮށްދެނީ އަމިއްލަ ގައުމުގެ ކުޑަކުދިންނާ ދެކޮޅަށް ކުރާ ހަނގުރާމައެވެ.

އެކަމާ ގުޅިގެން ސްކޫލުގެ ޑައިރެކްތަރު ބުނި ކަމަށް ވަނީ "ތިއީ ކޮންކަހަލަ ސުވާލެއްތޯ އާއި، އެކުދިން ޔުނިފޯމް ލާން އެއްވެސް މީހަކު ބާރު ނާޅާ ކަމަށް" އެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓުން އަކީ ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ބޭފުޅެއް ކަން ކަނޑައެޅުމަށް ޔޫކްރައިން އިން ބުނާ އެއް ވާހަކައިގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ އެ ދަރުވަރުންނާ މެދު އަމަލު ކުރި ގޮތް ހިމެނެއެވެ. އެގޮތުން އެ ކުދިން ގަދަކަމުން ރަޝިއާ އަށް ގެންދިޔުމާއި، ޔަޝިއާއިން ގަބޫލު ކުރާ 'ފާދާ ލޭންޑް' ނުވަތަ ޔޫކްރައިން ދިފާއު ކޮށް ރަޝިއާގެ ސިފައިންނަށް އިހުތިރާމު ކުރަން ދަސްކޮށް ދީ އެކުދިންގެ ވިސްނުން ބަދަލު ކުރަން މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

ރަޝިއާއިން ބުނެފައި ވަނީ، އެމީހުންގެ ހަމައެކަނި ބޭނުމަކީ، އިންސާނިއްޔަތުގެ ގޮތުން ނުރައްކަލުން ކުދިން ރައްކާތެރި ކޮށްދިނުން ކަމަށެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ޕުޓިން އާ ދެކޮޅަށް އުފުލި ދައުވާގެ ހުރިހާ ތަފްސީލުތަކެއް ހާމައެއް ނުކުރެއެވެ. އަދި ޔޫކްރައިން އިންވެސް އެދައުވާތަކުގެ ފުރިހަމަ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ބުނެފައި ވަނީ ހަނގުރާމައިގެ ސަރަހައްދު ތަކުން 19،000 ކުދިން ނަގައިގެން ނުވަތަ ގަދަކަމުން ރަޝިއާ އަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ ހާއްސައެހީއަށް ބޭނުންވާ ސްކޫލުތަކާއި އަމިއްލަ ސްކޫލުތަކާއި އެކި އެކި ކެއާ ހޯމްސް [ކުޑަކުދިން ބަލަހައްޓާ މަދަރުސާތައް] އިން ގެންދިޔަ ކުދިންނެވެ.

އެފަދަ އެހެން ސްކޫލެއް ކަމަށް ވާ އޮލެޝަކީގައި ތިބި ދަރިވަރުންތަކެއް ވެސް ރަޝިއާ ސިފައިންގެންދިޔައެވެ. ޔޫކްރައިން އިން ތުހުމަތު ކުރާ ގޮތުގައި އެގޮތަށް ކުދިން ގެންދާ އިރު، އެކުދިންގެ އާއިލާތަކަށް ރަޝިއާއިން އަންގަން މަސައްކަތް ނުކުރުމުގެ އިތުރުން އާއިލާތައް ދެނެގަންނަންވެސް މަސައްކަތް ކޮށްފައެއް ނުވެއެވެ.

ރަޝިއާއިން ގަބޫލު ކުރާ ގޮތުގައި، އެމީހުން ހިފި ކޮންމެ ސަރަހައްދުގައި ހުރި ހުރިހާ ތަކެއްޗަކާއި މީހުންނާއި ދިރޭތަކެއްޗަކީ ރަޝިއާގެ މިލްކެކެވެ. ނުވަތަ ބާރު ހިނގާ ތަކެއްޗާއި މީހުންނެވެ.

ރަޝިއާ ސިފައިން ޔޫކްރައިނުން ގެންދިޔަ ކުދިން ޔުނިފޯމް ލައްވާ ސްކޫލެއްގައި ފިލާވަޅު ނަގައިދެނީ

އުމުރުން 15 އަހަރުގެ ސަޝާ އަކީ އިސްކޮޅުން ދިގު ލަދުރަކި ކުއްޖެއްގެ އިތުރުން ބަސްމަދު ކުއްޖެކެވެ. އޭނާގެ މަންމަ ތެތެޔާނާ ކްރިޔަންކުކް ބުނީ، ސަޝާ އާ ބައްދަލުވެ ގެއަށް ގެނެވުނުތާ އެތައް މަހެއް ވީ އިރުވެސް އޭނާ އިންނަނީ ގަބުވެފައި ކަމަށާއި ބަސްހުއްޓިފައި ކަމަށެވެ. އެ އާއިލާ މިހާރު ޖަރުމަނުގެ ޓައުނެއް ކަމަށް ވާ ދިންކްލޭޖްގެ ރެފިއުޖީ ކޭމްޕެއްގައި ތިބި އިރު، ސަޝާގެ ހަރަކާތްތަކާ މެދު ކަންބޮޑުވެ ހުރި މަންމަ ބުނީ، އޭނާ އަބަދު އޮންނަނީ އެނދުގައި ކަމަށާއި ފޯނާ ކުޅުން ނޫން ކަމެއްގައި ރިއެކްޓް [އެއްބާރުލުން] ނުދޭ ކަމަށެވެ.

ރަޝިއާ ސިފައިން އެކުދިން ގެންދިޔަ ގޮތުގެ ވާހަކަ އެހިޔަސް ސަޝާ ބުނަނީ، އެވާހަކަ ނޫން ވާހަކައެއް ދެއްކުމަށެވެ. އެ ސުވާލު ކޮށްފައި ނަމަ އޭނާ ދެއަތް ދެއަތް އުނގުޅާ، ކުރިއަށް ފަހަތަށް ޖެހި ދެފައި ތަޅުވަން ފަށާ ކަމަށާއި، ހާސްކަމާއި ނުތަނަވަސްކަން ފެންނަ ކަމަށް ވެސް މަންމަ ބުނެއެވެ.

ސަޝާ ބޯޑިން ސްކޫލުގައި އުޅުނު އިރު ކޮންމެ ހަފްތާ ބަންދެއްގައި އާއިލާއާ ބައްދަލުކުރަން ގެއަށް ޒިޔާރަތް ކުރާ ކަމަށާއި އޭރު ހީސަމާސާ ކޮށް ވާހަކަ ދައްކާ ހެދި ކުއްޖަކަށް މިއަދު ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރަކީ ހިތް ފަޅައިގެން ދާ ވަރުގެ ކަމެއްގެ ގޮތުގައި އޭނާގެ މަންމަ ސިފަ ކުރިއެވެ.