ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރައީސް ސޯލިހާ ބައްދަލު ކުރީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދު ކުރަން އަދާލަތުން ނިންމާފައިވާތީ ރައީސްގެ ސަމާލުކަމަށް ބައެއް ކަންކަން ގެނައުމަށް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގައި ހިމެނޭ 11 ދީނީ އިލްމުވެރިއަކު ވަނީ ބައިވެރިވެފައެވެ. އެހެންނަމަވެސް އެ ބައްދަލުވުމުގެ އިތުރު ތަފްސީލު ސަރުކާރާއި އަދާލަތު ޕާޓީއިން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް އެބޭފުޅުން ތާއީދު ކުރައްވާ ކަން ހާމަކުރެއްވި ކަމަށާއި ރައީސް ސޯލިހާ އެކީގައި ދެމިތިއްބަވާނެ ކަމުގެ ޔަގީން ކަން ދެއްވި ކަމަށެވެ.

މި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ރައީސް ސޯލިހު ވާދަކުރައްވާއިރު އަދާލަތުގެ އިތުރުން އެމްޑީއޭއިންވެސް ވަނީ ކޯލިޝަން ހަދާފައެވެ.