މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު، ކޮނުމުގެ ތެރޭގައި ކަރަންޓު ދޭ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯ އިން ބުނީ، މައި ކޭބަލަށް ގެއްލުން ލިބިފައި ވަނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭގައި ކަމަށެވެ. އެ މައްސަލަ ހައްލުކޮށް، ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެކަމަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.

މައި ކޭބަލަށް ދިމާވި މައްސަލަ ހައްލުކޮށް، ކަރަންޓުގެ ހިދުމަތް އަލުން ދެވޭވަރުވީ ދެ ގަޑިއިރަށް ފަހުގައެވެ.

މީގެ ކުރިން ވެސް ދެވަނަ ފިޔަވަހިން އެކި ފަހަރު މަތިން ކަރަންޓު ކެނޑި، އެކަމުގެ ސަބަބުން ހިޔާގައި ދިރިއުޅޭ މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އާންމު ގޮތެއްގައި ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުމަށް މެދުވެރިވަނީ ކޭބަލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކަން ފާހަގަކުރެވެއެވެ.