ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ހުޅުމާލޭ ފޭސް 2 އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ގެއްލުން ލިބިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭގައި ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯ އިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ސްޓެލްކޯ އިން ކޮނުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް ކެނޑިފައި

މީގެ ކުރިން ވެސް ހިޔާ ޓަވަރުތަކުން އެކި ފަހަރު މަތިން ކަރަންޓު ކެނޑި، އެކަމުގެ ސަބަބުން ހިޔާގައި ދިރިއުޅޭ މީހުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

މިގޮތުން މީގެ ކުރިން ކަރަންޓު ކޭބަލަށް ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނު މައްސަލައަކާ ގުޅިގެން ކަރަންޓު އަލުން ދޭން ފަށާފައިވަނީ ތިން ގަޑިއިރު ފަހުންނެވެ. ހިޔާ ފްލެޓްތަކުން އެދުވަހު ކަރަންޓު ކެނޑުމުގެ ސަބަބުން ލިފްޓުތަކާއި ފެން ފޯރުކޮށްދޭ ޕަމްޕުތައް ވެސް ހުއްޓި، ހިދުމަތްތަކަށް ބުރޫ އަރާފައި ވެއެވެ. އަދި ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓުގެ ތެރޭގައި ތިން މީހަކު ތާށިވެފައި ތިއްބެވެ. އެ މީހުން ލިފްޓުން ނެރުނީ ސާވިސްކުރާ މީހުންގެ އެހީތެރިކަމާއެކުގައެވެ.