އިންޑިއާގެ ވެރިރަށް ދިއްލީގެ އުތުރުގެ ސަރަަހައްދެއް ކަމަށްވާ ޝާހްބާދް ޑައިރީގެ ރޯހިނީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ވަޅި ހަރާ މަރާލައިފިއެވެ. އާންމުން ހިނގާ ބިނގާވެ އުޅޭ މަގުގައި އަންހެން ކުއްޖާގެ ގޭގެ ބޭރު ފާރުގައި ލައްގާ ވަޅި ހަރަމުން ދިޔައިރު ހިނގާ ބިނގާވާ މީހުންނަށް 'ވާކަމެއް ހަރާމޭ' ހީވާ ކަހަލައެވެ. އަޅާވެސް ނުލައި ކޮޅުކޮޅަށް މީހުން ދިޔަ އިރު، ދޭތެރެ އަކުން އައި އެކަކު ފިޔަވައި އެ ނުލަފާ ޖަރީމާ ހުއްޓުވާނެ މީހަކު ނެތެވެ.

އަންހެން ކުއްޖާ ސަލާމަތަށް އެދި ރޮއެ އާދޭއް ކުރަމުން ދަނިކޮށް އެތަން މިތަނަށް ވަޅި ހަރާ ވައްޓާލުމަށް ފަހު މަރުވަންދެން ތަޅާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

މި މަރާއެކު އިންޑިއާ އަށް އިތުރު ސިހުމެއް ލިބިފައި ވާ އިރު، އެގައުމުގެ އަންހެނުންނާ މެދު އިހާނެތިކޮށް ހިތުމާއި އަޅާނުލުމާއި އަނިޔާވެރި ވުމުގެ މައްސަލަ އަކީ މިހާރުވެސް ހުޅުފަޅައިގެން ގޮސްފައި އޮތް މައްސަލައެކެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އަޑުއުފުލަމުން ދާއިރު، ސަލާމަތާއި ރައްކާތެރިކަމެއް ހޯދައި ނުވެދި ލާއިންސާނީ މަރާ ކުރަމިތިވާ އަންހެނުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

ފުލުހުން ބުނެފައި ވާ ގޮތުގައި، މި ގަތުލު ހިނގާފައި ވަނީ، އަންހެން ކުއްޖާ އާއި ފިރިހެން މީހާ ރައްޓެހިވެގެން އުޅުމަށް ފަހު ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ވީ ދެބަސްވުމަކަށް ފަހުގައެވެ. ގަތުލުގެ މަންޒަރުތައް ސީސީޓީވީއަށް އަރާފައި ވާ އިރު، އަންހެން ކުއްޖާ މަރާލި މީހާ އެކަން ކުރާ މަންޒަރުވެސް ސާފުކޮށް ފެންނަން ހުއްޓެވެ.

16 އަހަރުގެ އެ އަންހެން ކުއްޖާއަކި ފަގީރު އާއިލާއެއްގައި ހުރި ހަމައެކަނި އާމްދަނީއެއް ހޯދާ އަންހެން ކުއްޖާއެވެ. ގޭދޮށު ކުދިންނަށް ޓިއުޝަން ދީގެން ލިބޭ އެއްޗަކުން ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިގެން އުޅެމުން ދިޔަ އާއިލާ މިއަދު ވަނީ ގަބު އަރާ ގޮތް ހުސްވެފައެވެ.

ކުއްޖާގެ ބައްޕަ ސީއެންއެން އާ ވާހަކަ ދައްކަމުން ބުނީ، "އަންހެން ދަރިފުޅު އޮތީ މޫނު ވަތަށް ވެއްޓިފައި، ދަރިފުޅުގެ އެތެރެހަށީގެ ގުނަވަންތައް ހުރީ ބޭރަށް ނުކުމެފައި، ބޯ އޮތީ ޗިސްކޮށްލާފައި، ދެން ހޮސްޕިޓަލަށް ގެންދަނީ ކީއްކުރަން، އެތާ އޮތީ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު" ޖަނަކް ރާޖް

އޭނާ އިތުރަށް ބުނީ، ކަންބޮޑުވެ ރުޅި އަންނަނީ އޭނާގެ ދަރިފުޅަށް އެހެން ހެދިއިރު މަންޒަރު ފެނުނު މީހުން އަޅާނުލީމައެވެ.

"އެމީހުން އެހީވި ނަމަ އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވުނީސް، އަޑުއަހަނީ އެމީހުން ތިބީ ވީޑިއޯ ކުރަން ކަަމަށް"

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް އެވާހަކަ ގެންނެވީ ޓްވިޓާއަށެވެ. ވިދާޅުވީ ދިއްލީގެ ހާމަކަން ބޮޑުތަނެއްގައި ކުޑަކުއްޖަކު މަރާލައިފި ކަމަށެވެ. އަދި މިއީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ކުށްވެރިން މިހާރު މިރު ފަހަނައަޅާ ހިނގައްޖެ ކަމަށާއި ފުލުހުން ދެކެވެސް ބިރެއް ނުގަންނަ ކަމަށެވެ.

"އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ދިއްލީގެ ރައްތިރުންގެ ސަލާމަތާއި ރައްކާތެރިކަން މިހާރު މުހިންމު"

ދިއްލީ ކޮމިޝަން ފޯ ވްމެން ގެ ޗެއާޕާސަން ސްވަތީ މަލިވާލް ބުނީ، އެހ ބިރުވެރި ކަމެއް އަދި ނުދެކޭ ކަމަށާއި އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ގެއްލިފައިވާ ތަނަކަށް ދިއްލީ ވެއްޖެ ކަމަށެވެ.

ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުން ހެދި ދިރާސާއެއް ދައްކާ ގޮތުން ދުނިޔޭގައި އަންހެނުންނަށް އެންމެ ނުރައްކާ ގައުމަކީ އިންޑިއާއެވެ. އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުން ހުސްވި 2020 ގައި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތައް 20 ޕަސެންޓް ވަނީ މަތިވެފައެވެ.