އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް، ނަފްސާނީ ބަލި ހުންނަ ކުޑަކުއްޖަކަށް އަނިޔާކުރާތަން ފެނުނު ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

އެ މައްސަލާގައި މާވިންގެ އިތުރުން އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ކޮށްފައިވާ ދަައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދާއިރު މިހާރު ކުރިއަށް ދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

މިއަދުގެ އަޑުއެހުމުގައި އައިޖީއެމްގެ އީއާރުގައި މަސައްކަތް ކުރި ނަރުހެއްގެ ހެކިބަސް ނަގާފައި ވާއިރު އޭނާ ބުނެފައި ވަނީ އެ ދުވަހު ހުރީ ޑިއުޓީގައި ކަމަށާއި މޭރީގެ ހަށިގަނޑު އައިޖިއެމްއެޗަށް ގެންދިޔައިރުވެސް ވިންދު ނެތް ކަމަށާއި އެހެންނަމަވެސް އަތާއި މޫނު ނޫވެފައި ހުރި ކަމަށެވެ. އަދި މާވިން ބުނަމުން ދިޔައީ މޭރީ ދަންޖެހުނު ކަމަށާއި އެހެންނަމަވެސް އެފަދަ ނިޝާނެއް ފެންނަން ނެތް ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

މިއަދު ހެކިބަސް ދެމުން އެ ހެކިވެރިޔާ ބުނީ، އޭގެ ކުރިން އެއް ދުވަހަކު ނަފްސާނީ ބަލި ހުންނަ 14 އަހަރުގެ ކުއްޖަކު އިންޖެކްޝަނެއް ޖަހަން ދެކޮޅު ހެދުމުން މާވިން އެ ކުއްޖާގެ ކަރުގައި ހިފައި މޭޒަކާ ދިމާލަށް ކޮއްޕާލި މަންޒަރު ދުށް ކަމަށެވެ. އަދި އެހެންނަމަވެސް އެ ވާހަކަ އިތުރަށް ދައްކާފައި ނުވާނެ ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

މިއަދު ދެން ހެކި ބަސް ނަގާފައި ވަނީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ބޭރު ނަރެއްގެ ހެކިބަސް ކަމަށް ވާއިރު އޭނާ ބުނެފައި ވަނީ މޭރީ މަރުވުމުގެ ދެތިން މަސް ކުރިން ވޯޑުގެ ތެރޭގައި އޭނާ ރޯން އިންތަން ފެނިގެން ސުވާލު ކުރުމުން ފިރިމީހާ އެހެން މީހަކާ ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ބުނެ އިތުރު ވާހަކައެއް ހިއްސާ ނުކުރާ ކަމަށް ބުނެފައި ވެއެވެ.

މޭރީ މަރުވި ދުވަހު މޭރީ ބްރޭކަށް ދިޔައީ އެއްކޮށް ޑިއުޓީގައި އުޅުމަށް ފަހު ކަމަށާއި އަހަރީ ޗުއްޓީ ނަގައިގެން ކްރޮސްރޯޑަށް ދާ ވާހަކަ މޭރީ ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެހެންނަމަވެސް އެ ވާހަކަ ދެއްކީ އުފަލުން ހުރެ ކަން ފާހަގަ ކުރަމުން ހެކިވެރިޔާ ބުނީ މޭރީ ބްރޭކަށް ގޮސް ލަސްވުމުން އިންޗާޖުވެސް ސުވާލުކުރި ކަމަށެވެ.

ހެކިވެރިޔާ ބުނީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް އެފަދަ ނިޝާނެއް މޭރީގެ ހަށިގަނޑުން ފެންނަން ނެތުމާއެކު އެކަން ގަބޫކު ނުކުރާ ކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތު ކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފައީ ހެއްކެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފައީ ހެކި ހިމެނެއެވެ. ލަމްހާގެ މައްޗަށް ކޮށްފައިވާ 3 ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 10 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.

މި މައްސަލައާ ގުޅިގެން ލަމްހާއަށް ނަފްސާނީ ބައްޔާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަ ކޮށް 100 ދުވަހަށް ބަންދުން ދޫކުރުމަށް އޭނާގެ ވަކީލުން މީގެ ކުރިން ހުށަހެޅި ނަމަވެސް, ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދު ކޮށްފައި ވާ ސަބަބަށް ބަދަލު ނާންނަ ކަމަށެވެ. ލަމްހާ ބަންދު ކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ އިތުރުން މުޖުތަމައަށް ނުރައްކާލެއް އޮވެދާނެތީއެވެ.