މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން، ފުރާޅެއް މައްޗަށް 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން އަމަލުކުރިގޮތުގެ ޕާލިމަންޓްރީ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މިއަދު ހުށަހަޅުއްވައިފިއެވެ.

އަޒާން ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވީ އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ އެފަދަ އެހެން ހާދިސާތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތްތަކާ ހިލާފަށް ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުންގެ މުވައްސަސާއިން ޖުމްލަ ގޮތެއްގައި އަމަލުކޮށްފައިވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުންދާ އުސޫލުތަކާއި ހިލާފަށް ކަމުގައި އަޒާން ވިދާޅުވިއެވެ. މިއީ ގިނަ ބައެއްގެ ކަންބޮޑުވުމާ ގުޅިފައި އޮތް މައްސަލައެއްކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ މިކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި އިންސާފުވެރިކަމާ އެކު ގާނޫނާ އެއްގޮތަށްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

މި މައްސަލައަކީ ހާއްސަގޮތެެއްގައި ޒުވާނުންނާއި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ހައްސާސް މައްސަލައެއްކަން ފާހަގަކޮށް އަޒާން ވަނީ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން ފެށިގެން އެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. މި މައްސަލައާއި ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކާއި ސަރުކާރުގެ ބައެއް ފަރާތްތަކާއި ގުޅުން އޮންނަ ފަރާތްތަކަށް ތުހުމަތުތައް ކުރަމުން އަންނައިރު އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ރޭ މާލޭގައިވަނީ އިހްތިޖާޖުކޮށްފައެވެ.