ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިކްޓިމް ސަޕޯޓް ދާއިރާއަށް ހާއްސަ ނިއުސް ލެޓާއެއް މިއަދު ލޯންޗްކޮށްފިއެވެ.

ޕީޖީ އިން "ނިޔާވެހި" ގެ ނަމުގައި ނެރެން ފެށި ނިއުސް ލެޓާއަކީ ވިކްޓިމް ސަޕޯޓަށް ހާއްސަކޮށް، ޖިނާއީ އަދުލުގެ ނިޒާމާ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ނެރެންފެށި ނިއުސް ލެޓާއެކެވެ،

މި ނިއުސް ލެޓާގެ މައުލޫމާތު ހިއްސާކުރަމުން ޕީޖީ އިން ބުނީ މީގައި އެކި ކުށްތަކުގައި އަނިޔާލިބޭ ފަރާތްތައް ހިމެނޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތަކާ، ކޯޓުތަކުން އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތަކާ އަދި ޕީޖީ އޮފީހުން އަމަލުކުރާ އުސޫލުތައް އެ ނިއުސް ލެޓާގައި ޝާއިއު ކުރާނެކަމަށެވެ.

ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދޭ ބަޔަކަށް ހެދުމަކީ އެ އޮފީހުގެ އަމާޒެއްކަން ފާހަގަކޮށް ޕީޖީ އިން ބުނީ އެހެންކަމުން އެ ދާއިރާއާ ގުޅުންހުރި މުހިންމު އުސޫލުތައް އެންމެންނަށް ފެންނަން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ޕީޖީ އިން ބުނީ ކޮންމެ މަހަކު އެއްފަހަރު ނެރޭ އެ ނިއުސް ލެޓާގައި ލިޔުންތައް ޝާއިއު ކުރުމުގެ ފުރުސަތު އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޮންނާނެކަމަށެވެ.