ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމުގެ ތުހުމަތުގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދެވި މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާ އަށް ރިފްއަތު ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަށް ބަހުސް ވަގުތުގެ ކުރިން 10 މިނެޓު، ބަހުސްގެ މެދުތެރެއިން 10 މިނެޓު، އަދި ބަހުސަށް ފަހު 10 މިނެޓު ދިނުމަށް އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ. ނަމަވެސް އޭގެ ބަދަލުގައި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ރިފްއަތު ވިދާޅުވީ، އޭނާ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވާނީ ލިއުމުން ކަމަށެވެ.

އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި، މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރު މަޝްވަރާކުރުމަށް ފަހު، އެއްބަސްވެވޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެއާއެކު، ނިޒާމީ ނުކުތާ ބަލައިގަންނަވައި، މަޝްވަރާކުރުމަށްޓަކައި ނަޝީދު ޖަލްސާ މެދުކަނޑާލެއްވީއެވެ.

ބަންޑާރަނައިބުގެ އިތުރުން، ރާއްޖެ މޮރިޝަސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަގަޅާ އަންނަ އަންގާރަ ދުވަހަށް ޝާހިދުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.