ހާއްސަކޮށް އެމެރިކާގެ ހަރަކާތްތަކަށް ފާރަލާން އުތުރު ކޮރެއާއިން އަރުވަން މަސައްކަތް ކުރި ޖާސޫސީ ސެޓެލައިޓް މައްޗަށް ނާރާ ވެއްޓިއްޖެއެވެ.
ނޯތު ކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުން ބުނީ، ސެޓެލައިތް ވެއްޓުނީ ކަނޑަށް ކަމަށާއި، އެ މިޝަން ފެއިލް ވީ ކަމަށެވެ. ނަމަވެސް ކައިރި މުސްތަގުބަލެއްގައި ދެވަނަ ސެޓްލައިޓެއް އަރުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ޖާސޫސީ ސެޓެލައިޓް އަރުވާ މައްސަލައިގައި ޖަޕާނާއި ސައުތު ކޮރެއާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ވެސް އަރުވަން މަސައްކަތް ކުރި ސެޓެލައިޓް ޖަޕާނުގެ ސަރަހައްދަށް ވަދެއްޖެ ނަމަ ވައްޓާލާނެ ކަމުގެ އިންޒާރު ޖަޕާނުން އޮތީ ކުރިން ދީފައެވެ. ނަމަވެސް ސެޓެލައިޓް މި ވެއްޓުނީ މެކޭނިކަލް ފެއިލިއާއެއްގެ ސަބަބުން ކަމަށް ނޯތު ކޮރެއާއިން ވަނީ ބުނެފައެވެ.
ނޯތު ކޮރެއާގެ ސެޓެލައިޓް ލޯންޗާ އެކު ސައުތު ކޮރެއާއިން ވަނީ ކުއްލި ނުރައްކަލުގެ ސައިރަން މުޅި ގައުމަށް އިއްވާ، އެންމެން ސަލާމުވުމަށް ބުނެ އެންމެންގެ ފޯނުތަކަށް މެސެޖެއްވެސް ފޮނުވާފައެވެ. ނަމަވެސް 20 މިނެޓްފަހުން ދެން ފޮނުވި މެސެޖްގައި ބުނީ، އެއީ ފޯލްސް އެލާމް [އޮޅިގެން ކުރެވުނު އެލާމެއް] ކަމަށެވެ.
ދެކޮރެއާގެ ދެމެދުގައި ނުތަނަވަސްކަން އުފެދި ތަފާތު އެކި ކުރިމަތިލުންތައް ހިނގާތާ 70 އަަހރު ވެއްޖެއެވެ.
ނޯތު ކޮރެއާގެ މިޝަން ފެއިލްވުމުން، ޖަޕާނުން ބުނީ، އަދި ދޫކޮށް ނުލާ ކަމަށާއި އެހާދިސާ ހިނގި ގޮތް ބަލައި އެނަލައިޒް ކުރަމުން ދާނެ ކަމަށެވެ. ޖަޕާނުން މީގެ ކުރިންވެސް ތުހުމަތު ކޮށްފައި ވަނީ ނޯތު ކޮރެއާއިން އަރުވަނީ ސެޓެލައިޓެއް ނޫން ކަމަށާއި އެ ނަމުގައި މިސައިލެއް ޓެސްޓް ކުރާ ކަމުގެ ތުހުމަތެވެ. މީގެ ކުރިންވެސް އެފަދަ މެސެޖްތަކެއް ދިނުމަށް ފަހު ނޯތު ކޮރެއާއިން ވަނީ މިސައިލް ޓެސްޓް ތަކެއް ކޮށްފައި ކަމަށާއި އެހެން ކަމުން ޖަޕާނުން އަދިވެސް ތުހުމަތު ކުރަނީ އެގޮތަށެވެ.
ސެޓެލައިޓް ލޯންޗް ކުރުން އދ ގެ ގަރާރުތަކާ ހިލާފު ކަމަށް ބުނެ އެމެރިކާވެސް ހިމެނޭހެން ޖަޕާނާއި ސައުތު ކޮރެއާއިން އެކަން ކުށްވެރިވެސް ކުރިއެވެ. ނަމަވެސް އެ އަޑު ނާހާ ނޯތު ކޮރެއާއިން ލޯންޗް ކުރި ސެޓެލައިޓް ވެއްޓުމަކީ އެގައުމުތަކަށް ލިބުނު ކާމީޔާބީއެކެވެ.