ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް ނުވަތަ އިންޒެކް 2025 ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޑރ. އާއިޝަތު މުނީޒާ ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ޒަކާތުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކޮށް މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޒެކް 2025 އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ކޮންފަރެންސްގައި އިލްމުވެރިންނާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން އިޖްތިމާއީ ދުޅަހެޔޮކަމާއި އިގުތިސާދީ ހަމަޖެހުން ގާއިމުކުރަން ޒަކާތުގެ ހިންގުން ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާއީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި ކޮންފެރެންސް ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ޒަކާތު ހައުސްއާއި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ އިސްލާމީ ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ކޮންފްރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސް އާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.