މާދަމާ ހެނދުނު މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެނދުކަނޑާލަނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް ކަމަށެވެ.
އެ މަސައްކަތް ކުރުމަށް މާދަމާ ހެނދުނު 06:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ނިންމާފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ މަސައްކަތް ކުރިއަށްދާ ވަގުތު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެން ނަމަވެސް ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި އެހެނިހެން މުހިންމު ހިދުމަތްތައްދޭ މުއައްސަސާތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗާ)އަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.
ސްޓެލްކޯގެ އަމާޒަކީ އެ މަސައްކަތް ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ހިދުމަތް ގެނައުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.