ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާ އިންޖީނުތައް ލޯޑަށްލެވި މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެނދުކަނޑާލީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 06:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ނިންމާފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން އިއްޔެ ބުނީ މަސައްކަތް ކުރިއަށްދާ ވަގުތު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ނަމަވެސް ވަގުތުގެ ކުރިން މަސައްކަތް ނިންމާ މިހާރު ވަނީ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.
މި މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވުމަށް މުހިންމު މަސައްކަތެއްކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.