ގދ. ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކުރުމަށްފަހު އެ އެއާޕޯޓު ސަރުކާރަށް ނަގަނީ ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސަރުކާރަށް ދައްކަން ހުރި ޓެކްސް ފައިސާ މައާފުކުރާގޮތަށްކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތަކަށް ގާސިމް ރައްދުދެއްވައިފިއެވެ.

ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ގާސިމްގެ "ތަރިކަ މުދާގަނޑެއް" ކަމަށާއި، ގާސިމް އެދިވަޑައިގަންނަވައިގެން ކޮންމެ ސަރުކާރަކުން ކާޑެއްދޫ އެއާޕޯޓު ގާސިމަށް ދެނީ ކަމުގައި ވިދާޅުވެފައެވެ. އަދި އެ އެއާޕޯޓު ހިންގަން އުޅެއުޅެ ނުހިންގުމުން ސަރުކާރު ބޮލުގައި އަޅަން ޖެހުނީ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މިއީ ކޮންކަހަލަ ލަދުހުތުރު ކަންތައްތޯ . ސަރުކާރުން އެއާޕޯޓުގަނޑާ ހަވާލުވާން ޖެހުނީ. އަދި ހަވާލުވެފައި ދައުލަތަށް ވަންނަން އޮތް ޓެކްސް ފައިސާގެ މައާފްކޮށްދޭންޖެހޭ ކޮންސެޝަން ފީގެ ތެރެއިން 30 މިލިއަން ޑޮލަރު އެ މައާފްކޮށްދިނީ،
ރައީސް ޔާމީން

ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވަމުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ކަންކަން ހިނގާފައިވާ ގޮތް އޮޅުވާ ލުމަށްފަހު ފަތުރާ ދޮގު ވާހަކަތައް ދިވެހިން ގަބޫލު ނުކުރާނެ ކަމަށެވެ. ގާސިމް އެއާއެކު ވަނީ ރައީސް އޮފީހުން ގާސިމްގެ ދަރިކަލުންނަށް ފޮނުއްވާފައިވާ ސިޓީވެސް ހާމަކުރައްވާފައެވެ.

ގާސިމް ވިދާޅުވީ އެ ސިޓީ ކިޔާލުމުން ޔާމީން ވިދާޅުވާ އަދަދު ނޫންކަމަށާއި، އެއީ ކޮން އަދަދެއްގެ ފައިސާއެއް ކަން ސާފުވާނެ ކަމަށެވެ. އަދި އެ އެއާޕޯޓު ނުހިންގިގެން ނަގަނީ ނޫން ކަންވެސް ސާފުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަންގާރަ ދުވަހު ވިލާ އެއާގެ ޗެއާމަން އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް އެޑްރެސްކޮށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވާގޮތުން ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ އެއާއަށް 2 ގޮތެއް ވަނީ ހުށަހަޅުއްވާފައެވެ. އެ ދެ ގޮތަކީ:

  • އެއާޕޯޓާއި ގުޅިގެން ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސްދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދެއްކުން ނުވަތަ
  • ވިލާ ގުރޫޕުގައި ހިމެނޭ ކުންފުނިތައް ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސްދުވަހަށް ބަހާލައިގެން އެޖަސްމެންޓެއް ހެދުން

މި ސިޓީގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން އެ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް އާންސްޓް އެންޑް ޔަންގުން ލަފާކުރީ 100 މިލިއަން ޑޮލަރު ކަމަށާއި، ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށާއި އެއާޕޯޓު ތަރައްގީކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ އެއާޕޯޓު ސަރުކާރަށް ނަގަން 2 ގޮތެއް ހުށަހެޅީ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.