ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރު ދަ ޑިމޮކްރެކްޓްސްއަށް ސޮއިކުރައްވައިފިއެވެ.
އެގޮތުން އެ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއި ޑެޕިއުޓީ މޭޔަރު އަލީ އާދަމާއި ކައުންސިލަރު އަހުމަދު އަބުދުﷲ އާއި ރިލްވާން މުހައްމަދާއި މުހައްމަދު ދާއޫދު އަދި އައިމިނަތު މަޖީދާ ހިމެނެއެވެ. އަދި މޭޔަރު އާތިފު ސޮއިކުރައްވާފައިވަނީ ލަންކާގައި ހުންނަވައިގެން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އެ މެންބަރުން ސޮއިކުރެއްވިކަން ހާމަކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ކާމިޔާބީއެއް ކަމަށެވެ. އެކަމަކަށްޓަކައި ހަސަން ލަތީފް ވަނީ ކުޅުދުއްފުށީ ކައުންސިލަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.
މި މެންބަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމާއެކު މިއީ ކުޅުދުއްފުށި ސިޓީގެ ތާރިހުގައިވެސް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނޭހެން އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޕާޓީން ވަކިވެފައި ވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ސޮއި ކުރެއްވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަމުން ދާ އިރު އަމިއްލައަށް އިސްތިއުފާ ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަނަކަށް ހުންނެވި އަހުމަދު މައުސޫމެވެ.
ދަ ޑިމްކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ދާއިރު އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ޕާޓީ އުފެދުނީއްސުރެ ބޭނުން ކުރަމުން ދިޔަ ހަރުގެ އަތުލުމަށް އިމާރާތުގެ ވެރިފަރާތުން މަސައްކަތް ކުރަމުން ދާތީ، އެމްޑީޕީގެ މުދަލާއެކު ތަޅުލާ ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އިއްޔެ ޑިމޮކްރެޓްސް އެތަނަށް ވަނީ ވަދެގެންފައެވެ.
ޑިމޮކްރެޓްސް އެތަނަށް ވަނީ އިމާރާތުގެ ވެރިފަރާތް، ޝަފިއްޔާ ޒުބައިރުގެ ވެސް ހާޒިރުގައި އެތަނުގައި ތަޅު ހަލާކުކޮށްލައިގެންނެވެ.