ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، މެންބަރުންގެ ސުވާލަށް ޖަވާބު ހޯދުން ދިގުލައިގެން ދާތީ މެންބަރުން ކުރައްވާ ޝަކުވާތަކަށް ލުޔެއް ލިބޭނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކޮށްގެން ކަމަށް ވިދާޅުވާ މޭރުމަކުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ބަރުލަމާނީ ނިޒާމަކަށް އަބަދު ވެސް ވަކާލާތުކުރައްވާ ނަޝީދު މިފަދައިން ވިދާޅުވީ، ތ. ވޭމަންޑޫ ސްކޫލްގެ އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބަށް ފަހު، ނިޒާމީ ނުކުތާ އެއް ނަންގަވައި، ވަޒީރުން ބައެއް ފަހަރު ޖަވާބުދެއްވުން ދިގުލައިގެން ދާތީ އެ މައްސަލަ ފާހަގަކުރެއްވުމުންނެވެ.

މަޖިލީހުގެ ގަވައިދަށް ރިއާޔަތްކުރައްވައި ރިޔާޒް ވިދާޅުވި ގޮތުގައި، މެންބަރުން ކުރައްވާ ސުވާލުތަކަށް ވަޒީރުން 14 ދުވަހުގެތެރޭ ޖަވާބެއް ދެއްވަން ވާނެއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ވަޒީރުން ޖަވާބު ދެއްވަނީ މެންބަރުން ސުވާލުކުރައްވާތާ 14 ދުވަހަށް ވުރެ ގިނަދުވަސް ފަހުންނެވެ.

"އަޅުގަނޑު އިއްޔެވެސް މަޖިލީހުގެ އިދާރާ އަށް ގުޅިން، އަޅުގަނޑު ފޮނުވާފަ ހުރި ބައެއް ސުވާލުތަކުގެ ޖަވާބު ނުލިބޭތީ، އަޅުގަނޑަށް ދެއްވި ޖަވާބަކީ މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނުދެވެނީ ކަމަށް،"
އަބްދުالله ރިޔާޒް | ތިމަރަފުށި ދާއިރާގެ މެންބަރު

"މިއީ މިކަން ހިނގަން ވާނެ ގޮތެއް ކަމަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސުވާލުތަކަށް ވަޒީރުން ޖަވާބު ނުދެއްވަންޏާ މަޖިލިހުގެ މަސައްކަތްތައް ކުރައްވަން ދަތިކަން ފާޙަގަކުރައްވައި ރިޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މަޖިލީހުގެ އަމީންއާންމުގެ ފަރާތުން ސާފުކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ، މެންބަރުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުން ލަސްވަނީ ހަމައެކަނި ވަޒީރުންގެ ސަބަބުން ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ.

"ދެން މަޖިލީހުގެ ގަޑި އާއި އަދި މި މަޖިލީހުގެ ނިޒާމް ޕާލިމެންޓްރީ ނިޒާމަކަށް ނޭނބުރި މި އުނދަގުލުގައި ތިއްބަވާހާ ދުވަހު ހަގީގަތުގަ މިކަން މިގޮތަށް ހިނގަމުން ދާނީ،"
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ނަޝީދު ވިދާޅުވީ، އެއް ދުވަހު 10 ވަޒީރުން ޖަލްސާ އަށް ހާޒިރުކޮށް، ފަހަރަކު ވަޒީރަކާ ސުވާލުކުރިޔަސް، މެންބަރުން ކުރައްވާފައިވާ ސުވާލުތަކުގެ ބެކްލޮގް މުޅިންހެން ސާފު ނުކުރެވޭނެ ކަމަށެވެ.

އޭގެ ފަހުން ވެސް ރިޔާޒް ނިޒާމީ ނުކުތާ އެއް ނަންގަވައި ވިދާޅުވީ، އޭނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުކުރެވިފައި ނުވަނީ މިނިސްޓަރަށް ވަގުތު ނުވެގެން ކަމަށް މަޖިލީހުގެ އިދާރާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ރިޔާޒްގެ ނިޒާމީ ނުކުތާ ބަލައިގަތުމަށް ފަހު ނަޝީދު ވަނީ، އަމީރަށް ދިމާވެގެން އުޅޭ ދަތި އޮޅުންފިލުއްވައި، އޭނާ މަޖިލިހަށް ހާޒިރުވުމަށް ދަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

"އިތުރު ބާރު އިރާދަކުރެއްވިއްޔާ ތިކަމުގަ އަޅުގަނޑު އަޅާނަން،"
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެ ކުރިން ވެސް ބައެއް މެންބަރުން ވަނީ ވަޒީރުން ގިނަ ދުވަސް ފަހުން ޖަވާބު ދެއްވާތީ ކަންބޮޑުވުން ފާޅުކުރައްވައި، ތަޅުމުގައި އެކަން ފާހަގަކުރައްވައިފައެވެ.