ނިމިދިޔަ ރޯދަމަހު 'ދަ ޕްރެސް' އިން ކުރިއަށް ގެންދިޔަ 'ޕްރެސް ރޯދަ ކުރު ވާހަކަ' މުބާރާތުގެ އެންމެ މޮޅު ތިން ވާހަކަ ހޮވައިފިއެވެ.
ރޯދަމަހަށް ހާއްސަ ކޮށްގެން 'ދަ ޕްރެސް' އިން ކުރިއަށް ގެންދިޔަ ކުރުވާހަކަ މުބާރާތަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ އިރު، ތަފާތު އެކި ހާދިސާތަކަށް ލިޔެފައިވާ ވާހަކަތައް ފޮނުވާ ގިނަ ބަޔަކު މުބާރާތުގައި ބައިވެރި ވެފައި ވެއެވެ. ހުށަހެޅި ވާހަތަކުގެ ތެރެއިން މުބާރާތުގެ އުސޫލާ އެއްގޮތްވާ ވާހަކަތައް ވާނީ މި ދިޔަ ރޯދަމަހު ކިޔުންތެރިންނަށް މި ނޫހުން ގެނެސްދީފައެވެ.
މި މުބާރާތް ބޭއްވި 3 އަހަރު ޝީޒާ އެއްވަނަ ހޯދި!
ކުރުވާހަކަ މުބާރާތުގައި ގެނެސްދެވުނު ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު ވާހަކައަކަށް ހޮވިފައި ވަނީ އައިމިނަތު ޝީޒާ ހުށަހެޅި "އެކަހެރިކޮށްލުމުން" ވާހަކައެވެ. މިއީ 'ދަ ޕްރެސް' އިން ކޮންމެ ރޯދަ މަހަކު ގެނެސްދޭ ކުރުވާހަކަ މުބާރާތުން ޝީޒާ ފަހަުރުވެރި އެއްވަން ހޯދި ތިންވަނަ ފަހަރެވެ.
އެގޮތުން 2022 ވަނަ އަހަރާއި 2020 ވަނަ އަހަރު ޝީޒާ ވަނީ ކުރުވާހަކަ މުބާރާތުން އެއްވަނަ ހޯދާފައެވެ. 2022 ވަނަ އަހަރު ޝީޒާ ހުށަހެޅި ވާހަކަ އަކީ "އިމްތިހާން" އަދި 2020 ވަނަ އަހަރު ޝީޒާ ހުށަހެޅި ވާހަކަ އަކީ "ގަދަބާރު" އެވެ.
މި މުބާރާތުން ދެވަނަ އަށް ހޮވިފައި ވަނީ ޝައިހާ އަބްދުއް ރަޝީދު ހުށަހެޅި "ހަންޖަރު" ވާހަކައެވެ. އަދި ތިންވަނަ އަށް ހޮވިފައި ވަނީ އާމިނަތު ލީނާ ހުށަހެޅި "މަންމަގެ ގުރުބާނީ" ވާހަކައެވެ.
ކުރުވާހަކަ މުބާރާތުގައި ބައިވެރި ހުރިހާ ފަރާތްތަކަށް 'ދަ ޕްރެސް' ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި މި މުބާރާތުގެ އެންމެ ރަނގަޅު 3 ވާހަކަ ލިޔުނު ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާމް ހަވާލު ކުރުމަށް އެ ފަރާތަކަށް ގުޅާނަމެވެ.
ވާހަކަ ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވާހަކަ ލިޔުމުގެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމުގެ އިތުރުން، މިފަދަ އިތުރު މުބާރާތެއް ބޮޑެތި އިނާމުތަކާއެކު، އަންނަ ރޯދަ މަހުވެސް ބާއްވާނެ ކަމަށް މި ނޫހުގެ މެނޭޖްމަންޓުން ބުނެއެވެ. އަންނަ ރޯދަ މަހު ވެސް ތަފާތު ރީތި ކުރު ވާހަކަތައް ހުށަހަޅާނެ ކަމުގެ އުންމީދުގައި މި އަހަރުގެ މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރަމެވެ.