ހެނދުނުގެ ހިތްހައިމު ވަގުތެވެ. ކަހާލެވިފައިވާ ތުނި ފަރުދާ ފޮތިގަނޑުން ފޭދިގެންއައި އިރުގެ ދޯދިތައް، ނިދާފައި އޮތް އަހަރެންގެ މޫނަށް އެޅުނެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވައިލީމެވެ. އަދި ތެދުވެ އެނދުގައި އިށީނދެލީމެވެ. ކޮޓަރިތެރެއިން ސިފަވަނީ އާދުވަހަކަށް ދުނިޔެ ދޮންކުރަމުންދާ މަންޒަރެވެ. ކޮޓަރީގެ އެއްބިތުގައި، އަތުރާފައިވާ ރަން ރިހީގެ ތަށިތަކާއި މެޑަލްތަކުން އެޅިފައިވާ ދަޅައިން މުޅިތަންވަނީ ހުޅުދާންވެފައެވެ.

އަހަންނަށް އެމަންޒަރަށް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ކޮޓަރިތެރެއަށް އެޅިފައިވާ އެއަލިން، އަހަރެންގެ ހަޔާތައް ވެރިވެފައިވާ އަނދިރިކަން ފިލުވާލެވޭނެނަމައޭ އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް އަހަރެންގެ ހަޔާތައް އައިސްފައި މިވަނީ ނިމުމެއް ނެތް ކަޅުފޮއެރެއެކެވެ. އުސްގަނޑެއް ނުވާ އަޑިގަނޑެކެވެ. އަހަރެންގެ ދިރިއުޅުން ވަށާލާފައިވާ ވިއްސާރަ ވިލާގަނޑުން ސަލާމަތްވެ ވިއްސާރަ ދުނި ފެންނާނެކަމުގެ އެއްވެސް އުންމީދެއްނެތެވެ.

އަހަންނަކީވެސް ދިރިއުޅުމުގައި ފޮނި ހުވަފެންތަކެއް ދެކުނު މީހަކީމެވެ. އެހުވަފެންތަކުގައި ކުލަޖެއްސުމަށް ހިންމަތާއިއެކު މަސައްކަތްކުރި މީހަކީމެވެ. ނަމަވެސް މަދު އިރުކޮޅެއްގެތެރޭގައި އެހުވަފެންތައް ވިއްސި ވިހާލިވެގެންދިޔައީ އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހަމުންނެވެ. ބަޔަކުމީހުންގެ އަނިޔާވެރި ރޭވުމުން، ދިރިއުޅުމަކީ އަހަންނަށް ވޭނަކަށް ހަދައިފިއެވެ.

އެއީ މީގެ ހަވަރަކަށް އަހަރު ކުރިއެވެ. އޭރު އަހަރެން ކިޔަވަމުން ދިޔައީ ރަށު މަދަރުސާގައި ގުރޭޑު 10ގައިއެވެ. އަހަންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެމީހުންގެ އުންމީދުގެ ހުޅުކޮޅެވެ.

މަންމައާއި ބައްޕަ ބޭނުންވީ އަހަރެން ބޮޑުވެގެން މޮޅު ޑޮކްޓަރަކަށްވާށެވެ. އެއީ އަހަރެންގެވެސް ހުވަފެނެވެ. އެހެންކަމުން ޑޮކްޓަރަކަށް ވުމުގެ އަޒުމުގައި އަހަރެން ކުޑައިރުންފެށިގެން ކިޔެވުމަށް ޚާއްސަ ސަމާލުކަމެއް ދިނީމެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކުވެސް އަހަރެން ހިމެނިގެންދިޔައީ ސުކޫލުގެ އެންމެ މޮޅު ދަރިވަރުންތެރޭގައެވެ. އަދި ގުރޭޑު 10ގައި އަހަރެން ފުރަމުންދިޔައީ ސުކޫލު ސީނިއާރ ޕުރިފެކްޓެއްގެ މަގާމެވެ. އަހަރެން ހޯދަމުންއަންނަ ކާމިޔާބީތަކާމެދު މަންމައާއި ބައްޕަ ތިބެނީ ވަރަށް ފަޙުރުވެރިވެފައެވެ. ނަމަވެސް އެކަމާއި ހަސަދަވެރިވެ އަހަރެންދެކެ ރުޅިއަންނަ ބަޔަކުވެސް އުޅޭކަން އަހަންނަށް އެނގެއެވެ. އެހެނެއްކަމަކު އަހަރެންމީ އެކަހަލަ މީހުންގެ ބަސްތަކަށް މާބޮޑު ސަމާލުކަމެއްދޭ މީހެއްނޫނެވެ. އެމީހުންގެ ބަދު ބަސްތަކުން އަހަންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަހަރެންދިޔައީ ގަދައަޅާ ކިޔެވުމަށް ވަސައްކަތްކުރަމުންނެވެ. މަންމައާއި ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށްޓަކައެވެ. ނަމަވެސް ތަގުދީރު އެކަމަކަށް ތަނެއްނުދިނެވެ.

އެއީ އަހަރެންގެ އޯލެވެލް އިމްތިހާނު ބޯމަތިވެފައި އޮތް ދުވަސްކޮޅެވެ. އިމްތިހާނަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދިޔަ ދުވަސްކޮޅެވެ. ސުކޫލުގެ އިތުރު ގަޑިތަކާއި އިމްތިހާނުގެ ގަޑިތައް ހުންނަ ގޮތުން އަހަންނަށް ގިނައިރު އުޅެންޖެހިފައިވަނީ ސުކޫލުގައެވެ. ގިނަ ދުވަސްދުވަހު ގެއަށް އާދެވޭރިރު ހުންނަނީ ހަވީރު ވެފައެވެ. އަނެއްކޮޅުން ރޭގަނޑުގެ ކުލާސްތައް ނިންމާފައި ގެއަށް އަންނައިރު ގިނަ ރޭރޭ ހުންނަނީ 11 ޖަހާފައެވެ.

ހުކުރު ދުވަހެއްގެ ހެނދުނެކެވެ. އަހަންނަށް ހޭލެވުނީ ވަރަށް ގަދައަށް ބޮލުގައި ރިއްސާތީއެވެ. އަހަންނަކީ މައިގުރޭން ހުންނަ މީހެއްކަމުން ދޭތެރައަކުން ގަދައަށް ބޮލުގައި ރިއްސުމަކީ އަހަންނަށް އާދަވެފައިވާ ކަމެކެވެ. ބޭސްގުޅައެއް ކާލުމުން ރަނގަޅުވެދާނެއެވެ. އަހަރެން ތެދުވެ ސައިބޮއިގެން ދެގުޅަ ބޭސް ކައިލީމެވެ. ނަމަވެސް އެހެންދުވަސްތަކާއި ޚިލާފަށް އެދުވަހު އަހަރެންގެ ބޮލުގެ ރިހުންދިޔައީ ގަދަވަމުންނެވެ.

މަންމަގެ ބުނުމަކަށްވީ އެއީ މިދުވަސްކޮޅު މާބުރަކޮށް އުޅެވޭތީ ވާގޮތެއްކަމަށެވެ. އަހަރެންވެސް ފުރަތަމަ ހީކުރީ އެގޮތަށެވެ. ނަމަވެސް އެއްގޮތެއް ހަދައިގެންވެސް އަހަންނަށް އެއްވެސް ލުޔެއް ލިބޭގޮތެއް ނުވިއެވެ. އިރު އޮއްސެންވީއިރު އަހަރެން ގަދައަށް ހުންވެސް އައިއްސިއެވެ. ހޮޑުލެވި ކެއްސަން ވެސް ފަށައިފިއެވެ. ވަގުތުން އަހަރެން ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. އައިވީ ގުޅައިގެން އެތަނުގައި އެޑުމިޓު ކޮށްފިއެވެ. އަހަރެން ހޮސްޕިޓަލުން ގެއަށް ދޫކޮށްލީ އަނެއްދުވަހު މެންދުރުއެވެ. އޭރު އަހަރެންގެ ހުންގަނޑު މައިތިރިވެއްޖެއެވެ. ބޮލުގެ ރިހުމަށްވެސް ލުޔެއް ލިބިއްޖެއެވެ. ނަމަވެސް އޭރުވެސް ބޮލުގައި ކުޑަ ރިހުމެއް ހުއްޓެވެ. ގެއަށް ގޮސް ކައިގެން، ނިދާލުމުން އެރިހުން ވެސް ފިލައިފިއެވެ. އެހެންކަމުން އަހަރެން އެހުންގަނޑުން ރަނގަޅުވީކަމަށް ހީކޮށް ހިތްހަމަޖައްސައިލީމެވެ. ނަމަވެސް އަހަންނަށް ނޭނގުނުކަމަކީ އެއީ އަންނަން އުޅޭ ތޫފާނުގެ ކޮޅުމަތިކަމެވެ.

ޖެހިގެންއައި އާދިއްތަދުވަހު އަހަންނަށް ހޭލެވުނީ ސުކޫލަށްދާން މަންމަ ގޮވާ އަޑަށެވެ. ހޭލައިގެން އެނދުން ތެދުވި ވަގުތު ބޮލަށް ތޫނު ތަދެއް އެރިއެވެ. ހީވީ އަހަރެންގެ ބޮލަށް މީހަކު ކަށިތަކެއް ހަރައިލިހެންނެވެ. ކޮޅަށް ހުރުމަށް ދަތިވެ އަހަރެން އެނދުގައި އިރުކޮޅެއްވަންދެން އިށީނދެލީމެވެ. ފަސްވަރަކަށް މިނިޓު އެހެން އިނުމަށްފަހު އެނދުން ތެދުވެ ފާހާނައަށް ވަނީމެވެ. އޭރު އަހަރެންގެ ބޮލަށްވީ ތޫނު ތަދުވެސް ރަނގަޅުވެއްޖެއެވެ. ފާހާނައަށް ވަދެ ލޯގަނޑު ކައިރީގައި ހުއްޓުނު ވަގުތު އަހަންނަށް ހީވީ މެއަށް ފެންއެއްޗެއް އަޅައިލިހެންނެވެ. ބިރުން ގޮސް ފަހަތައް ޖެހިލެވުނެވެ. އަހަރެންގެ ނޭފަތުން ހުރީ ލޭފައިބާފައެވެ. ގަދަ ރަތްކުކައިގެ ލެއެވެ.

އެދުވަހު މާ ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން މަންމަ ކައިރީގައި އެވާހަކަ ބުނާކަށް އަހަރެން ހަނދާނެއް ނެތެވެ. ނަމަވެސް ދުވަހުގެ އިރު އޮއްސުމާއިއެކު އަނެއްކާވެސް އަހަރެންގެ ބޮލަށް ތޫނުތަދެއް ވާން ފަށައިފިއެވެ. ކުރިއަށްވުރެ ބޮޑަށެވެ. އަހަންނަށް ކެތްނުކުރެވިގެން ރޯންފެށީމެވެ. އެވަގުތަކީ މަންމައާއި ބައްޕަ ގޭގައި ނޫޅޭ ވަގުތެއްކަމުން އަހަރެން ގޭގައި ހުރީ އެކަންޏެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އަހަރެން ކޮޓަރިތެރޭގައި ކޮޅުކޮޅަށް ހިނގަންފެށީމެވެ. މޫނުމައްޗައް އަނދިރިވާން ފެށުމުން ގޮސް އެނދުގައި އިށީނީމެވެ. އެވަގުތު އަހަރެންގެ ނޭފަތުން އަނެއްކާވެސް ލޭއަންނަން ފެށިއެވެ. އަހަރެންގެ ލޯ ފުސްވަމުންދިޔަ ވަގުތު ކުރިމަތިން މަންމަ ފެނުންހެން ހީވިއެވެ. ނަމަވެސް ދެންވީގޮތެއް ނޭނގުނެވެ.

އަހަންނަށް ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އެނދެއްގައި އެޑުމިޓުކޮށްފައެވެ. ކައިރީގައި ދެނަރުހުން ހަރަކާތްތެރިވަމުން ދިޔައެވެ. މަންމައާއި ބައްޕަ ކޮބައިތޯ މާހައުލަށް ލޯހިންގައިލި ވަގުތު ފެނުނީ ދޮރުން ވަދެގެންއައި މަންމައެވެ. އަދި މަންމަގެ ފަހަތުން، ބައްޕައާއި ޑޮކްޓަރު ވެސް އައެވެ. އެމީހުންގެ މޫނުމަތީގައި ހުރި ކުލަވަރު ދެނެގަންނާކަށް އަހަންނަކަށް ނޭނގުނެވެ. ޑޮކްޓަރު އަހަރެންގެ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނުމައްފަހު އެރޭވެސް ގެއަށްފޮނުވައިލިއެވެ. ނަމަވެސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް ޔަގީނެވެ. އެހެން ނޫންނަމަ އަހަންނަށް މިވަމުންދާ ގޮތްތަކެއް ނުވާނެއެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް އަހަންނަށް ހޮޑުލެވި ބޮލުގައި ރިއްސާ، ހާލު ދެރަވާން ފަށައިވިއެވެ. އިރު އޮއްސުމުން އެކަންތައް މާބޮޑުވެއެވެ. މަންމަމެން ތިބެނީ އެކަމާއި ވަރަށް ހާސްވެ ކަންތައް ބޮޑުވެފައެވެ. ބައްޕަވެސް ހީވަނީ ފަންޑިތަ ހުސްވެފައިވާ އެދުރުބޭކަލެއްހެންނެވެ. އެމީހުން އަހަރެން ގޮވައިގެން ގޮސް އަތޮޅުގެ ބޮޑެތި ހޮސްޕިޓަލުތަކަށާއި، މާލޭގެ ހޮސްޕިޓަލުތަކަށް ވެސް ދައްކައިފިއެވެ. ޑޮކްޓަރީ ބޭހާއި ދިވެހި ބޭސް ވެސް ކޮށްފިއެވެ. ނަމަވެސް އެއިން އެކައްޗަކުންވެސް އަހަރެންގެ ބައްޔަށް އެއްވެސް ލުޔެއް ނުލިބުނެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ހާލު ދިޔައީ ގޯސްވަމުންނެވެ. ހަށިގަނޑު ރަނގަޅުކޮށް ހުރި އަހަރެން ހިކި އަނަރޫފަ ވެއްޖެއެވެ. އިރު އޮއްސިއްޖިއްޔާ ތެދުވެލާނެ ހިތްވަރު ވެސް އަހަރެންގެ ނުހުރެއެވެ.

އެކަމާއި ދޭތެރޭ ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަހަރެން ކިޔެވުމާއި ދުރުވިއެވެ. ސުކޫލަށް ދެވެނީ ހާލަކުން ފަހަރަކުއެވެ. ނަތީޖާއެއްގެ ގޮތުން، އަހަރެން އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން ފާހެއްވެސް ނުވެއެވެ. އެދުވަހު އަހަރެން ވަރަށް ރުއިމެވެ. މަންމަމެން ވެސް ތިބީ ވަރަށް ދެރަވެފައިކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެކަމަށްވުރެ ބޮޑަށް އެމީހުންގެ ފިކުރަކަށްވީ އަހަންނަށް އުޅެންޖެހިފައިވާ ހާލެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަށް އަމިއްލަ ހާލައިން އުޅެވޭވަރަށްވުރެން އަހަރެން ހާލު ދެރައެވެ. ހިނގަ ހިނގާހުއްޓާ ވެއްޓިދާނެއެވެ. ނޫނީ ވާނުވާ ނޭނގި ހޭނެތިދާނެއެވެ. ކޮންމެއަކަސް އަހަރެން ތަހަންމަލު ކުރަމުންދިޔައީ ވޭންދެނިވި ކަންތައްތަކެކެވެ.

އަހަރެން އެހެން އުޅޭތާ ދުވަސްކޮޅެއް ފަހުން ބައްޕަގެ އެދުމަކަށްވީ އަހަރެން ރުގުޔާ ކުރާ މީހަކަށް ދެއްކުމެވެ. އަހަންނާއި މަންމަވެސް އެކަމާ އެއްބަސްވީމެވެ.

ހަފްތާއެއް ވަންެދެން ރުގުޔާ ކުރުމަށްފަހު އަހަރެންގެ ހާލު ރަނގަޅުވާންފެށިއެވެ. ނަމަވެސް އެއްކޮށް ރަނގަޅެއް ނުވެއެވެ. ރުގުޔާކުރާ މީހާ ބުނިގޮތުގައި އަހަންނަށް ޖެހިފައިވަނީ ސިހުރު ހާހޫރައިގެ ކަމެކެވެ. އެއީ އަހަރެންގެ ކިޔެވުން ހަލާކުކޮށްލަން ކޮށްފާވައިވާކަމެއް ކަމަށް ލަފާކުރެވޭކަމަށް ވެސް އެމީހާ ބުންޏެވެ.

އެދުވަހު އަހަރެންގެ ހިތުގައި އެތައް ބައިވަރު ޝަކުވާއެއް އުފެދުނެވެ. މިއަދުގެ މުޖުތަމައުގައި އެކަކަށް ހެޔޮގޮތެއްވާން ވާން އަނެކަކު ނޭދެނީ ކީއްވެހެއްޔެވެ؟ އެހެންމީހުންގެ ކާމިޔާބީ ފެނި ހަސަދަލުމުގެ ބަދަލުގައި އެމީހުންގެ އުފަލުގައި ބައިވެރިވާން ނޭނގެނީ ކީއްވެހެއްޔެވެ؟ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ފެންނަމުން މިދަނީ ވަރަށް ދަށުދަރަޖައިގެ ޢަމަލުތަކެކެވެ. މިއަދު މިރާއްޖޭގައި އަހަރެން ކަހަލައިގެ ކިތައް ކުދިންނެއް އުޅޭނެ ހެއްޔެވެ؟ ހަސަދައާއި، ސިހުރު ހާހޫރައިގެ ސަބަބުން ހަލާކުވެގެން ދަނީ އެތައް ދަރިވަރުންނެއްގެ ކިޔެވުމެވެ. ބަނަވެގެންދަނީ އެތައް ކުދިންނެއްގެ މުސްތަގުބަލެވެ. ނިވިގެންދަނީ އެތައް މައިންބަފައިންނެއްގެ އުންމީދުގެ ހުޅުކޮޅެވެ.

މިއަދު އަހަފެންގެ އުމުރުން 23 އަހަރު ވެފާވާއިވީއިރު ވެސް އަހަންނަކީ އަމިއްލަ ހާލައިގެން އުޅެވޭވަރު މީހެއްނޫނެވެ. ކިޔެވުމުގެ ނަސީބު މިވަނީ އަހަރެންއަތުން ބީވެފައެވެ. ކިޔެވުމަށް އެތައް ފަހަރެއްގެ މަތިން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ބަދަލުގައި އަހަންނަށް ލިބެނީ ވޭނާއި ކެކުޅުމެވެ. ރޭގަނޑުވުމުން އެބަލި ބޮޑުވެއެވެ. ކޮންމެ ދުވަހެއްގެ ވެސް އިރުއޮއްސެނީ އަހަރެންގެ ހަޔާތައް ބިރުވެރިކަން ގެނުވަމުންނެވެ.