އޮފީހުގައި ހުރި ނަމާދު ކުރާ ކޮޓަރީއާ ދިމާއަށް އަހަރެން ބަލާލީ، ނަމާދަށް އަރަން އެ ވަގުތު ހިތަށް އެރުމުންނެވެ. ކުރިން ނަމާދު އަޅައި ނަމާދަށް ފަރުވާކުޑަ ކުރެވިފައި ވިޔަސް މިއަދު ހަޔާތުގައި ދިމާވަމުން ދިޔަ ބޮޑެތި ކަންކަމުން އަރައިގަތުމަށް އަހަރެން ނަމާދު ކުރަން ބޭނުންވިއެވެ. މީގެ ކުރިން ނަމާދު އެޅުނީތީ އަހަރެން ދެރަވެސް ވިއެވެ. ދެ ހިޔާލެއްގައި ހުރެ އަހަރެން އޮފީހުން ނިކުތީ ނަމާދު ކުރާނީ ގެއަށް ގޮސްފައި ކަމަށް ނިންމައިގެންނެވެ.
*** *** *** *** *** ***
ބައިބޯ ވެފައިވާ މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އިރު އަހަރެންގެ ސިކުނޑި ވަށާލާފައި ވަނީ ދިރިއުޅުމުގައި މިހާރު އަހަރެން ކުރިމަތިލަމުން އަންނަ އެންމެ ބޮޑު އެއް ހައިޖާނުގަނޑެވެ. އޭރުވެސް އަހަރެންގެ ސިކުނޑި ވަށާލާފައި ވަނީ ރޫޅެމުންދާ ކައިވެންޏާއި ފުރާނަ ފަދަ ލޯބިވާ ދަރިންނަށް ވާނެ ގޮތަކާ މެދުގައެވެ.
މިވަގުތު އަހަރެންގެ އިހްސާސްތައް ކިޔައިދެވޭނެ އެއްވެސް މީހަކު ނެތެވެ. އެ އިހްސާސްތައް މީހަކަށް ކިޔައިދިނަސް އެ ވާހަކަތައް އަޑު އަހާ މީހުންނަށް އިވޭނީ އަހަރެންގެ ދުލުން ބޭރުވާ ލަފްޒުތައް އެކަންޏެވެ. އިހްސާސްތައް ދެނެގަތުމުގެ ގާބިލްކަން އެއިން މީހެއްގެ ގަޔަކު ނެތޭ ބުނެވިދާނެއެވެ.
ކޮންމެ މީހަކުވެސް ބުނަނީ މައްސަލަތަކުގައި ގޯހީ ކާކު ހެއްޔެވެ. އަޅާ ނުލެވުނީ ކާކަށް ހެއްޔެވެ. ވަގުތު ނުދެވުނީ ކާކަށް ހެއްޔެވެ. އަނެއް ބަޔަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާފައި އަހަރެންގެ ދިފާއުގައި ވާހަކަ ދައްކައެވެ. އަހަރެންގެ ބައިވެރިޔާ ކުށްވެރިކޮށް ނަފްރަތުގެ ބަސްތައް އޭނާ އާ މެދު އުފައްދާ ފޫހިވާ ޒާތްޒާތުގެ ވާހަކަތަކުން އަހަރެންގެ ބޯ ހާސްކޮށްލައެވެ. މީހުންނާ ވާހަކަ ހިއްސާ ކުރި ވަރަކަށް އަހަރެން ދުނިޔެ މަތިން ފޫހިވާ މިންވަރު އިތުރުވިއެވެ. ނަގާނެ ފިޔަވަޅު އޮޅޭ ގޮތްވެ، އަމިއްލަ މީހާއަށް ކުރެވުނު ކުށްތައް ވަށާލައި، އަހަންނަކީ ބޭނުމެއް ނެތް މީހެއްގެ ގޮތުގައި ސިފަ ކުރެވުނެވެ.
މިއީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅު ވިސްނުމެއް ވެސް ނޫނެވެ.
ފުން ހިޔާލެއްގައި ހުރެ މަޖިީދީ މަގުން އަހަރެން ހުރަސްކުރަން ހިނގައިގަތީ އާންމުކޮށް ގެއަށް ދާ މަގާ ދިމާއަށް މިސްރާބު ޖަހަމުންނެވެ. އާންމުކޮށް ހިނގާ އެއް މަގަކުން ހިނގާތީ މާ ބޮޑު ފަރުވާލެއް ވެސް ނުބެހެއްޓުނެވެ. ކުއްލިއަކަށް އެޅި ބަރުގޮނުގެ އަޑު އިވި އަޑު އައި ދިމާއަށް ބަލާލެވުނީ ލިބުނު ކުއްލި ސިހުމަކުންނެވެ. ދިރިއުޅުމުގެ ހައިޖާނުގަނޑުގެ ހިޔާލުތައް އެއްފަރާތްކޮށްލަމުން ހުރެވުނު ތަނަށް ސަމާލުކަން ދެވުނީ އެ ވަގުތެވެ.
އޭރު އަހަރެންނަށް ހުރެވުނީ މަގުގެ މެދެއްހާ ހިސާބުގައެވެ. 10 ވަރަކަށް ފޫޓު ދުރުން ގަޔާ ދިމާއަށް ދުއްވާފައި އައި ކާރެއް ހެޑްލައިޓް ފެނުމުން މޫނު މައްޗަށް އަހަރެން އަތް ހުރަސްކޮށްލީމެވެ. އައި ބާރު ސްޕީޑާއެކު އެ ކާރު އަހަރެންގެ ގައިގައި ޖެހުނު އިރުވެސް ގުޑިލަން ވެސް ނޭނގި ހުރި ފިޔަވަޅު މަތީ ހުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އަމިއްލަ މީހާގެ ސަލާމަަތަށް އެއްފަރާތަށް ދެ ފިޔަވަޅު އަޅާލި ނަމަވެސް އެ ކާރު އައިސް އަހަރެންގެ ގަޔަކު ނުޖެހޭނެއެވެ.
ވިއްސައިގެން ދިޔަ އަހަރެންގެ ހަށިގަނޑު ދިހަ ވަރަކަށް ފޫޓު މައްޗަށް އަރާ ބިންމައްޗަށް ޖެހެން ހިނގީ މަދު ސިކުންތު ކޮޅެކެވެ. އެ ވަގުތު އަހަރެންނަށް ސިފަ ވެގެން ދިޔައީ ފިލްމްތަކުން ފެންނަ ފަދަ ލަސް މަންޒަރެއްގެ ގޮތުގައެވެ. މަގުމަތީ ތިބި މީހުންތައް ހުއްޓުން އަރާފައި ބަލަން ތިބި ތަނާއި، މަގުމަތިން ދުއްވާފައި ދިޔަ ސައިކަލުތައް މަޑުކޮށް އޭގައި ތިބި މީހުންވެސް އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ތިބި ތަނެވެ.
ބިންމައްޗަށް އަހަރެންގެ ހަށިގަނޑު ޖެހުނު އިރު ގައިގާ އެއްވެސް ވަރެއް ނެތެވެ. ބިންމަތީ ކޭތެމުން ފުރޮޅެމުން ދެ ތިން ފޫޓު ދުރަށް ގޮސް އަހަރެންގެ ހަށިގަނޑު މަޑު ޖެހުމުން ތެދުވަން މަސައްކަތް ކުރީމެވެ. އަތުގެ އިނގިލިތައް ތަޅުވާލުމުގެ އިތުރަށް އެންމެ ގުނަވަނެއް ވެސް ހަލުވައެއް ނުލެވުނެވެ. ގައިގާ ވޭނެއް ނޭޅި އަސް ހަރަކާތެއް ނުކުރެވުމުން އަހަރެން ހައިރާން ވިއެވެ.
ގައިގެ އެތަން މިތަން ހަންމަށައިގެން ގޮސް ލައިގެން ހުރި ހެދުމުގެ ބައެއް ވީދީފައި އޮތް އިރު، ޒަހަމްތަކުން ފައިބަމުން ފިޔަ ލޭތައް ގާތަކުގެ މައްޗަށް ފެތުރެމުން ދިޔައެވެ.
މަގުމަތީ ތިބި މީހުންތައް ހަލުވި ކަމާއެކު ދުވަމުން އައިސް ވަށާލައިފިއެވެ. އަހަރެން ގައިގާ ޖެހުނު ކާރު އޭރު ވީ ތަނެއް ނޭނގެއެވެ. އެއަށް ވުރެއް އަހަރެން ވަށާލާފައި ތިބި މީހުންތައް މާގިނައެވެ. ނުދަންނަ އެތައް މޫނެކެވެ. ނަމަވެސް އެއިން ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
އަހަންނަށް ބައެއް މީހުން ގޮވާ ވާހަކަ ދެއްކިވެސް މެއެވެ. އަދި އެތަނުގައި ތިބި އެހެންބަޔަކު ފުލުހަށާއި އެމްބިއުލާންސަށް ގުޅައިގެން ވާހަކަ ދައްކަމުން ދިޔަ އަޑު ވެސް އަހަންނަށް އިވުނެވެ. އެ ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަންނާ ތަންކޮޅެއް ދުރުގައި އޮތް ފޯނެވެ. ޑިސްޕްލޭ އޮތީ ތަޅައިގެން ގޮސްފައެވެ.
އެ ފޯނު އެ ވަގުތު ރިންގް ވާން ފެށުމުން އެތަނުން މީހަކު އެ ފޯން ނަގައި ވާހަކަ ދައްކަން ފެށިއެވެ. އަދި އަހަރެން އެކްސިޑެންޓް ވެފައި އޮތް ވާހަކަ ބުނެ އެ ސަރަހައްދު ކިޔައިދިން އަޑުވެސް އެހީމެވެ. ފޯނު ބޭއްވުމަށް ފަހު އެ އަންހެން މީހާ އަހަރެން ގާތަށް ލެފިގަތެވެ. އަދި މަޑުމަޑުން އަހަރެންގެ ނަމުން ގޮވާލިއެވެ.
"މާޔާ... މާޔާ.... މިހާރު އެމްބިއުލަންސް އެބަ އާދޭ. އަޑު އިވޭތަ؟... މާޔާ...؟" އޭރު އަހަރެންގެ ހަބަރު ހުސްވަނީއެވެ. ދެ ލޯ މަޑުމަޑުން މެރެނީއެވެ. ފެންނަމުން ދިޔަ މަންޒަރު ފުސްވެ އިވެމުން ދިޔަ އަޑުތައް ވެސް ފަނޑުވަމުން ދިޔައެވެ.
*** *** *** *** *** ***
އިވެމުން ދިޔަ އަޑުތަަކަށް އަހަރެންގެ ސަމާލުކަން ދިޔައީ ވަރަށް ގާތުން ބަޔަކު ރޯއަޑު އިވުމުންނެވެ. އެ އަޑަށް އަހަރެން ސަމާލުކަން ދީގެން އޮތީ މުޅި މީހާގެ ހަށިގަނޑަށް ގުޑުމެއް ވެސް ނުގެނެވި އޮތުމުންނެވެ. އެ ވަގުތު އަޑުން އަޑުނަގާ ރޮމުން ދިޔައީ ކާކުކަން ދެނެގަންނަން އެނގުނެވެ. ނުރޯށޭ ހުއްޓާލާށޭ ބުނަން އަހަރެން ނުހަނު ބޭނުންވިއެވެ. މަންމަ ރޯ އަޑު އަހަން ކެތްވާނީ ވަކި ކާކަށް ހެއްޔެވެ.
ހިތްވަރުކޮށްފައި އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. ގައިހުރި ބާރެއްލާ ދެލޯ ހުޅުވާލަމުން އޮތްތަނުން ތެދުވަން ކުރި މަސައްކަތް ކާމިޔާބު ވުމުން އަހަރެން ވަރަށް އުފާވިއެވެ. އިށީނދެގެން އިން އިރު އެންމެ ފުރަތަމަ ވެސް ބަލާލެވުނީ އަހަރެންގެ ހަށިގަނޑަށާއި ދެ އަތަށެވެ. ލިބުނު ހައިރާން ކަމާއެކު އަހަރެންގެ ހިތަށް އެރިއެވެ. އެ އެކްސިޑެންޓަށް ފަހު ގައިގާ ހުރި ޒަހަމްތައް ކޮބައި ހެއްޔެވެ. ރިހުންތައް ކޮބައި ހެއްޔެވެ. އެކްސިޑެންޓަށް ފަހު އަހަރެން މި ހޭއެރީ ކިހާ ދުވަހެއް ފަހުން ބާއެވެ.
އަހަރެން އޮތް ތަނަށް ސަމާލުކަން ދިނީ އެއީ ކޮންތަނެއް ކަން ދެނެގަންނަން ނޭނގުމުންނެވެ. އެއް ފަރާތެއްގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި މަންމައާއި ކޮއްކޮއާއި ފިރިމީހާ އިން ތަން ފެނުނެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ފުން ހިތާމައެވެ. އެތަނުން ތެދުވެ އެމީހުން ގާތަށް އަހަރެން ގޮސް ހުއްޓެމުން ވާހަކަ ދެއްކީމެވެ. އަހަރެން ހުރީ ސަލާމަތުން ކަމަށް ބުނީމެވެ. ނަމަވެސް އެއިން އެއްވެސް މީހަކު އަހަރެންގެ މޫނަކަށް ނުބަލައެވެ. އެންމެންގެ ކަޅި އަމާޒުވެފައި ވަނީ އަހަރެން ކުރިން އޮތް ދިމާއަށެވެ. އެ ވަގުތު އެ ދިމާއަށް އަހަރެން ބަލައިލީމެވެ. ފެނުނު މަންޒަރުން ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.
ހިނަވައި ކަފުންކޮށްފައި އެ އޮތީ އަހަރެންގެ ހަށިގަނޑެވެ. ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވާ ތަނުގައި ބޭސްއަޅާފައި އޮތް އިރު ނޭފަތަށް ކަފަޖަހައި އަހަރެން ވަނީ ހުދު ފޭރަމަކުން މުޅި މީހާ ނިވާ ކޮށްފައެވެ. އެ މަންޒަރު ބަަލަން ހުރެ އަހަރެންނަށް ރޮއެގަނެވުނެވެ. އެހެން އެތައް އިރަކު އެތާ ހުއްޓުން އަރާފައި ހުރި އިރު އަހަރެންގެ މޫނު ބަލަން އައި މީހުން އަހަރެން ވަށާ ހިނގާފައި އެތަނުން އެއް ފަރާތަކަށް ގޮސް މަޑުކޮށްލައެވެ. އެތަނުން ފެންނަމުން ދިޔައީ އާއިލާ މީހުންނާއި ނުދަންނަ އެތައް މޫނެވެ. ދުނިޔޭގައި އަހަރެން ހުރި އިރު އަހަންނާއެކު އުޅުނު ރައްޓެހިންތަކެއް ނެތެވެ.
މޫނު އަޅައި ސަންދޯކަށް އަހަރެންގެ ހަށިގަނޑު ލައިގެން ދިޔަ އިރު ވެސް އެތާ އަހަރެން ހުރީ ދެން ހަދާނެ ގޮތެއް ނުވިސްނުނީމައެވެ. ކަށުނަމާދަށް ފަހު އަހަރެންގެ ސަންދޯއް ހިފައިގެން ފިރިހެނުންތައް ވަޅުލަން ދާ މަންޒަރު ބަލަން ތިބި ކޮއްކޮ އާއި މަންމަ ފެނުމުން އަހަރެން ކޮއްކޮ ގާތަށް ލެފިގަތީމެވެ. ކޮއްކޮ ގާތު އެތައް ވާހަކައެއް އަހަރެން ބުނަން ބޭނުން ވިއެވެ. އަޑު ނީވުނަސް އެ ވާހަކަތައް އަހަރެން ހިއްސާ ކުރަން ފެށީމެވެ.
"ކޮއްކޯއެވެ. އަހަރެންގެ ދެދަރިން ރަނގަޅަށް ބަލައްޗެވެ. އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ކޮއްކޮއާ ހަވާލެވެ. މި ދުނިޔެއަކީ ދާއިމީ އުފާވެރިކަމެއް ލިބޭނެ ތަނެއް ނޫނެވެ. ދައްތަ އުޅުނުހެން ނޫޅެން ކޮއްކޮ މަސައްކަތް ކުރައްޗެވެ. އިންސާނުންނަށް ކުށްކުރެވިދާނެއެވެ. ތައުބާ ވުން ލަސްނުކުރާށެވެ. ނަމާދު ކުރަން އާދަ ކުރާށެވެ. ދައްތަ އެންމެ ދެރަވަނީ ތައުބާވެ ނަމާދު ނުކުރެވުނީމައެވެ. ނަމާދުކުރަން ހިތަށް އެރި ދުވަހު ވެސް އެ ކަން ފަސްކުރެވުނީމައެވެ."
ކޮއްކޮ ކައިރީ އަދިވެސް އިތުރު ވާހަކަތައް ހިއްސާކުރަން ބޭނުންވިއެވެ. ނަމަވެސް ނޭނގޭ ބާރަކުން އަހަރެން އެތަނުން ގެންދަން ފެށުމުން ދެން އެތާ މަޑުކުރެވެން ނެތް ކަން އެނގުނެވެ. ގަދަ ހަދާ ރޮއެ ހެދިއަސް އަހަރެންގެ ވަގުތު އައިސް ޖެހުނީކަން އެނގުނެވެ.
މަންމައާއި ކޮއްކޮ ސަހަރާއިން ނިކުންނަން ހިނގައިގަތް ވަގުތު އަހަރެންނަށް އަޑުގެ ނެތް ތަނަށް މަންމާއޭ ކިޔާ ގޮވާލީމެވެ. އެއާއެކު މަންމަ ފަސް އެނބުރި ބަލާލީ އެ އަޑު އިވިގެން ހެން އަހަންނަށް ގަބޫލު ކުރެވުނެވެ. ލޮލު ކޮޅަށް ގޮސް އަހަރެން ގެއްލެން ދެން މަންމަ ކަޅިވެސް ޖަހާ ނުލައި ބަލަން ހުއްޓެވެ. ވީ ދެރައިން އަހަރެން ދެލޯ މަރާ ބާރުކޮށްލީމެވެ. މަންމައާ ދުރަށް ދާތަން ބަލަން ކެތް ނުވީއެވެ.
މުޅިތަނަށް ހަމަހިމޭންކަން ވެރިވުމުން ލޯ ހުޅުވާލީމެވެ. ފެންނަމުން ދިޔަ ކަނު އަނދިރިކަމުގެ ތެރޭގައި އަހަރެންގެ މޫނުމަތި ވަނީ ނިވާ ކޮށްފައި ކަން އެނގުނެވެ. ދެއަތާއި ފައި ގުޑުވާ ނުލެވޭނެހެން ބަނދެފައިވާ އިހްސާސެއް ވެސް ކުރެވުނެވެ. މިއޮވެވުނީ ސަންދޯއް ތެރޭގައެވެ. އޭރު ސަންދޯއް ވަޅުގަނޑަށް ތިރިކޮށް ފަސް އަޅަނީއެވެ. އެއާއެކު ގުރުއާނުގެ އާޔަތްތައް ކިޔަވަމުން ދިޔަ އަޑު އަހަން އަހަރެން އޮތީމެވެ.
އެއަށް ފަހު އަނެއްކާވެސް އެތަނަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެތަނުގައި އޮތީ އަހަރެން އެކަންޏެވެ. މި ދުނިޔެއިން ހާސިލް ކުރަން ބޭނުންވި އެއްވެސް އެއްޗެއް ނެތެވެ. މުދަލާއި ފައިސާ އާއި ލޯބިވާ އެއްވެސް މީހަކު ވެސް ކައިރިއަކު ނެތެވެ. މިއީ މަންމަ ކިޔައިދީ ދީ ވެސް އަހަންނަށް ދަސްނުވި ފިލާވަޅެކެވެ. މި ދުނިޔޭގައި ތާއަބަދު އަހަރެމެން ދިރި ނުހުންނާނެ ކަމާއި ދުނިޔޭގެ އުފަލަށް ވުރެއް އާހިރަތް އިސްކުރަން މަންމަ ދިން ނަސޭހަތް ކަންފަތުގައި ޖެހުނެވެ. މުދައްރިސުންނާއި ހެޔޮއެދޭ އެންމެން ދެމުން ދިޔަ ނަސޭހަތުގައި ކޮޅުފައިން ޖެހުނު ދުވަސްތައް ހަނދާނަށް އައެވެ.
ހަޔާތުގެ އެންމެ ފަހު ދުވަހާ ހަމައަށް އަހަރެންނަށް އުޅެވުނީ ރަނގަޅަކަށް ނޫނެވެ. ހަޔާތުގައި ދިމާވި ކަންކަމުން އަރައިގަތުމަށް ރައްޓެހިން ކައިރީ އެ ވާހަކަ ދެއްކިއަސް ހައްލެއް ނުލިބުނީ އަހަރެން އެ ކަމަށް އެދި ދަންނަވަން ޖެހޭ ފަރާތަށް ބޯނުލެނބީމައެވެ. އެ ދުވަހު ވެސް ނަމާދުކޮށް ދުއާ ކުރެވުނު ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ދުނިޔޭގައި އުޅެން ލިބުނު ފުރުސަތާއި ވަގުތު ބޭކާރުކޮށްލެވުނު ކަން ވެސް އަހަންނަށް ރޭކާލީ ވަގުތު ފާއިތުވީ ފަހުންނެވެ.
- ނިމުނީ -