ލަޔާން ހުރީ ފެރީން ފައިބާ މީހުންނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާށެވެ. މީހުންތައް ފޮށިތަންމަތި ކާރަށާއި ޕިކަޕަށް އަރުވައިގެން ދަމުން ޖެޓީ ކައިރީގައި ތިބި އެހެން މީހުންނަށް ވަދާޢުގެ އަތް ހޫރަމުން ދެއެވެ. ފެރީން އެންމެން ކަހަލަގޮތަކަށް ފައިބައި ނިމުނު އިރުވެސް ލަޔާން އެ ބަޔަކަށްޓަކައި އިންތިޒާރުކުރަމުންދާ މީހުން އަދިވެސް ފެރީއަކުން ނުފައިބައެވެ. ކުއްލިއަކަށް ލަޔާންގެ ލޮލުގައި އަޅައިގަތީ މަޑު ފިޔާތޮށި ކުލައިގެ މިޑީއެއް ލައިގެން ވައިލެޓް ކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި ނޫރާ އެވެ. އެއީ ނޫރާކަން ލަޔާން އަށް ޔަޤީންވާ ސަބަބަކީ ނޫރާގެ ކަންފަތުގައި ޖަހައިގެން ހުރި ފޯން ގެ ކަވަރ އެވެ. އޭގައި އިނީ ކަޅުކުލައިގެ "އެލް" އަކުރެއް ޖަހާފައެވެ. އެއީ ހަމަ ލަޔާންގެ ނޫރާ އެވެ. ނަމަވެސް ލަޔާން މިއަދު ފެރީ ދޮށަށް އައިސް އެ ހުރީ ނޫރާ ހޯދާކަށް ނޫންވިއްޔާއެވެ.
އެވަގުތު ފެރީން ފޭބި ކުޑަ އަންހެން ކުއްޖެއް ބައްޕާއޭ ކިޔާފައި ގޮވާލުމުން ލަޔާންގެ ސަމާލުކަން އެނބުރި އެ ކުއްޖާއަށް ހުއްޓުނެވެ. އެކުއްޖާ ދުވެފައި އައިސް ލަޔާންގެ ކަކުލާހަމައިން ބައްދާލިއެވެ. އަދި ވަރަށް ލޯބިން ލަޔާން އަށް ބަލާލާފައި ބައްޕައަށް އާދެވިއްޖެ ދޯ އޭ ބުނެލިއެވެ. އޭރު އެ ކުޑަ ކުއްޖާގެ މަންމަ މަލޫޝާ ހިނިތުންވެފައިހުރެ އެ ދިމާއަށް އާދެއެވެ. ލަޔާން އަނެއްކާވެސް ވަށައިގެން ހޯދާލީ ނޫރާ ފެންނަން ހުރިތޯއެވެ. އެވަގުތު ލަޔާންއާއި ނޫރާގެ ހަތަރުކަޅި ބައްދަލުވިއެވެ. ނޫރާގެ ލޮލުން ފެންނަނީ ހައިރާން ކަމެވެ. ހިނގައި ދިޔަ މަންޒަރު ވަރަށް ރީތިކޮށް ނޫރާއަށް ފެނިއްޖެކަން ލަޔާން އަށް ވިސްނުނެވެ. ނަމަވެސް ފެނުނު މަންޒަރާއި ޙަޤީޤަތާއި ގާތީ ކިހާވަރަކަށް ކަމެއް ނޫރާއަށް އަންދާޒާވެސް ކޮށް ނުލެވޭނެކަން ލަޔާން އަށް އެނގެއެވެ. ދެރައީ އެ ހަޤީޤަތް މިވަގުތު ނޫރާއަށް ކިޔައިދޭން ލަޔާން އަށް ވަގުތު ނެތްކަމެވެ. ނަމަވެސް ނޫރާއާއި އަލުން ބައްދަލުކުރުމަށް ލަޔާން ބޭނުމެވެ.
ކުޑަކުޑަ ޝައުކާގެ އަތުގައި ހިފާލައިގެން ލަޔާން ހިނގައިގަތީ ނޫރާއާއި ދިމާއަށެވެ. އޭރު ނޫރާ ހުރި ފިޔަވަޅު މައްޗަށް ގާވެފައި ހުއްޓެވެ. ލަޔާން ދިގު ފިޔަވަޅުތަކެއް އަޅަމުން ގޮސް ނޫރާ ގާތަށް ހުއްޓިލިއެވެ. އޭރު މަލޫޝާ ހުރީ ދާންވީ ދިމާއެއް ނޭންގި ހުއްޓިފައެވެ. މަލޫޝާއަށް ލަޔާންގެ ކާރު ފެންނަން އޮތީ ލަޔާން ދިޔަ ދިމާއާއި އަނެއްކޮޅުގައި ކަމަށްވާތީއެވެ. ލަޔާން ނޫރާގެ އަތުގައި ހިފާލާފައި ވަރަށް ލޯބިން ނޫރާއަށް ގޮވާލިއެވެ. އަދި ނޫރާގެ ފޯން ކަންފަތުން ތިރިކޮށްލި ވަގުތު އެ ފޯން ހިފާފައި ލަޔާންގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ލަޔާންގެ ފޯން ރިންގްވުމާއެކު ނޫރާގެ ފޯން އަލުން ނޫރާއަށް ދިނުމަށްފަހު ޝައުކާ ގޮވައިގެން މަލޫޝާއާއި ދިމާއަށް ގޮސް އެކުއެކީގައި ލަޔާންގެ ކާރަށް އަރާ ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައީ އެއަރޕޯޓަށް ދިއުމަށްޓަކައެވެ. ހަލުވި ދުވެލީގައި ބްރިޖް ހުރަސްކޮށް އެއަރޕޯޓަށް ދެވުނުއިރު ލަޔާން އާއި ޝައުކާ ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައެވެ. މަލޫޝާ އިނީ ވަރަށް ބަސްމަދުވެފައެވެ. ލަޔާން ދެފަހަރަކު މަލޫޝާއަށް ދޯ ދިނުމުންވެސް މަލޫޝާ ވާހަކައެއް ނުދެއްކިއެވެ. އެންމެ ފަހުން އެއަރޕޯޓަށް ކާރު މަޑުކޮށްލާފައި ތިން މީހުން އެކީގައި ފައިބައިގެން ދިޔައެވެ. ލަގެޖްތައް ހިފައިގެން އައިސްހުރި ކަމަށް ލަޔާން ގެ އެކުވެރިޔާ ކިޔާން އެވަގުތު ގުޅާފައި ބުންޏެވެ. ހިނގާފައި ދިޔައިރު ލަޔާން އާއި މަލޫޝާ ތިބީ ޝައުކާ ގެ ދެކައިރިން ދެ އަތުގައި ހިފަހައްޓާލައިގެންނެވެ. ބަލާ މީހަކަށް މިއީ އުފާވެރި އާއިލާއެއްހެން ހީވާކަހަލައެވެ.
ކިޔާން އަތުން ލަގެޖްތައް ނަގައިގެން ކުރިއަށް ހިނގައިގަތް ވަގުތު އަނެއްކާވެސް ލަޔާންގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ނޫރާ ނޫން ދެވަނަ މީހެއް ނޫނެވެ. މަލޫޝާ އަވަސް އަވަހަށް ޝައުކާ އުރާލާފައި ލަޔާން އާއި ސަލާމްކުރުމަށްފަހު އެތެރަށް ވަންނަން ދިޔައެވެ. މިހާރުވެސް އެ ދެމައިންގެ ސަބަބުން ލަޔާންގެ ދިރިއުޅުމުގެ މުހިއްމު އެތައް ކަމަކަށް ހުރަސްއެޅިފައިވާކަން މަލޫޝާ ދަނެއެވެ. ޝައުކާ އަޑުގެ ނެތްތަނަށް ބައި ބައި ބައްޕާއޭ ގޮވަމުން ދިޔައެވެ. ލަޔާން ވެސް ބައިބައި ދޫނީ އޭ ގޮވާލާފައި ނޫރާއަށް ސަމާލުކަން ހުއްޓާލިއެވެ. އަދި ނޫރާގެ އަތުގައި ހިފާލާފައި ކާރަށް އަރަން އައުމަށް ބުންޏެވެ. ލަޔާން މީ ކޮންކަހަލަ މޮޔަ މީހެއްހޭ އެވަގުތު ނޫރާގެ ހިތް ބުންޏެވެ. ނޫރާ އެއަރޕޯޓަށް މި އައީ ޖަޕާނަށް ދާން ވިއްޔާއެވެ. ނޫރާ އަތް ދަބަހުގައި އޮތް ޕާސްޕޯޓާއި ޓިކެޓް ނަގާ ލަޔާން އަށް ދައްކާލިއެވެ. ވަގުތުން ލަޔާން ދުއްވައިގަތީ ހަމަ އެ ފްލައިޓުން ޓިކެޓް ނަގާށެވެ. ކާރުގައި އޮތް ދަބަހުން ޕާސްޕޯޓް ހިފައިގެން އެ ދިމާއަށް ދުއްވައި ގަތެވެ.
ޓިކެޓް ލިބުމާއެކު ލަޔާން ނޫރާއާއެކު ފުރަން ވަނެވެ. އެވަގުތު ޝައުކާއަށް ލަޔާން ފެނިގެން މަންމަ އަށް ދައްކާލިއެވެ. މަލޫޝާގެ ހައިރާންކަން އިތުރުވީ ލަޔާން ނޫރާ އާއިއެކު ފުރަންދާތަން ފެނުމުންނެވެ. އެ ދެމައިންނަށް އިޝާރާތްކޮށްފައި ފޯނުން ހުރިހާ ވާހަކައެއް ކިޔައިދޭނެކަމަށް ލަޔާން ބުނުމުން މަލޫޝާ ޝައުކާ ގޮވައިގެން ދިޔައީ މެލޭޝިޔާއަށް ފުރާ މީހުން ތިބި ދިމާއަށެވެ. ލަޔާން ނޫރާ ގޮވައިގެން ގޮސް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އަދި މަލޫޝާއާއި ޝައުކާގެ ހަގީގަތް ނޫރާއަށް ކިޔައިދޭން ފެށިއެވެ.
މަލޫޝާއަކީ ލަޔާންގެ ދޮންބެ ނަވީން ގެ އަންހެނުންނެވެ. ދޮންބެ ލަޔާންއަށްވުރެ ދޮށީ އެންމެ 2 އަހަރެވެ. ޅައުމުރުގައި މައިންބަފައިން ދުނިޔެއިން ވަކިވެފައި އަދި ޢާއިލާގެ ދެފަރާތުގައިވެސް ގާތްމީހުން ނެތުމުން ދެބޭން ދިރިއުޅެމުންއައީ ބައްޕަގެ ފަރާތުން ލިބުނުގޭގައި އެކަނިމާއެކަންޏެވެ. އަދި ލަޔާންމެން ދެބޭންވެސް ވަޒީފާ އަދާކުރަމުންދަނީ ސަރުކާރުގެ މަތީ މަޤާމުތަކުގައެވެ. ނަވީން ކައިވެނިކުރި މަލޫޝާ ވެގެން ދިޔައީ އެ ދެބޭންނަށް އެވަގުތު ބޭނުންވެފައިވާފަދަ ޒިއްމާދާރު ގެވެހި އަންހެނަކަށެވެ. މަލޫޝާ ލަޔާންގެ ޒިއްމާތައްވެސް ނަގަމުންދިޔައީ އެއްބަނޑު ދައްތައެއް ފަދައިންނެވެ. މަލޫޝާ މާބަނޑުވެ ވިހަން ކައިރިވެފައިވަނިކޮށް ނަވީންއަށް މެލޭޝިޔާއިން ކިޔަވަން ފުރުސަތު ލިބުމުން ނަވީން ދިޔައީ މަލޫޝާ ލަޔާންއާއި ޙަވާލުކޮށްފައެވެ. ވިހައިގެން ދަރިފުޅަށް އަހަރުވީއިރުވެސް ނަވީންއަށް މާލެ އާދެވޭނެ ގޮތެއް ނުވިއެވެ. ސަބަބަކީ އެ ދުވަސްވަރަކީ ކޮވިޑްގެ ޢާލަމީވަބާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދުވަސްވަރަށްވާތީއެވެ. ޝައުކާއަށް 2 އަހަރު ވާންވެފައި އިންދާ ނަވީން ޗުއްޓީއަކަށް މާލެ އައީ އެންމެ ހަފުތާއަކަށެވެ.
އޭގެފަހުން މިހާރު ޝައުކާގެ އުމުރުން 3 އަހަރު ވީއެވެ. ނަވީނަށް މެލޭޝިޔާއިން ރަނގަޅު ވަޒީފާއެއް ހަމަޖެހުމާއެކު ޝައުކާގެ ދެ މައިން މެލޭޝިޔާއަށް ބަދަލުވުމަށް ފުރަން ހަމަޖެހިފައި އޮތީ މިއަދުއެވެ. މިވީ ހުރިހާ ދުވަހު ޝައުކާގެ ބައްޕައެއްގެ ހުރިހާ ދައުރެއް އަދާކޮށްދެމުން އެ ދިޔައީ ލަޔާން އެވެ. އެހެންކަމުން ޝައުކާ ލަޔާންއާއި މުޚާތަބްކުރަނީ ބައްޕަގެ ނަމުންނެވެ. މިއަދު އެ ދެމައިން ފުރުވާލުމަށްފަހު ލަޔާން ވެސް ގަސްދުކޮށްގެން ހުރީ މީގެ 4 އަހަރުކުރިން ލަޔާންއަށް ގެއްލިފައިވާ ލަޔާންގެ ލޯބި ނޫރާ ހޯދުމުގެ މަސައްކަތް ފަށާށެވެ. އެއާއެކު ތަޤްދީރު އޮތީ އެއަށްވުރެ ފުރިހަމައަށް އެކަން ރާވާ ނިންމާފައިކަހަލައެވެ. ޝައުކާގެ ދެމައިން ފުރާ ފްލައިޓް ބިމުން މައްޗަށް ނާރަނިސް ލަޔާން އާއި ނޫރާ އަލުން ގުޅޭނެކަން މިހާރު ޔަގީން ވެއްޖެއެވެ. ނޫރާއަށް ލަޔާންގެ ވާހަކަތައް އަޑު އިވުމުން، އެ ދެމީހުން ރައްޓެހިވިތާ މަހެއް ނުވަނިސް ލަޔާން ބިޒީވެގެން ނޫރާއަށް ނުގުޅާ އުޅެން ޖެހުނު ސަބަބު ވަރަށް ރީތިކޮށް ސާފުވެއްޖެއެވެ. އަދި އެދުވަސްވަރު ނޫރާ އަމިއްލަ ރަށަށް ދިރިއުޅުން ބަދަލުވީއިރު، ލަޔާންއަށް އެކަމުގައިވެސް ވަގުތުނުދެވި ބިޒީބޯޑް އަޅުވައިގެން އުޅޭތީވެ، އެކަމާ ހިންހަމަނުޖެހިގެން ނޫރާގެ ފޯން ނަންބަރު ބަދަލުކުރުމުން އެ ދެމެދުގައި ލެވިފައިވި ދުރުމިން މިއަދު އެއްކޮށް ކައިރިވެއްޖެކަން ޔަގީންކުރިއެވެ. ލަޔާންގެ މައްސަލައަކީ ދިރިއުޅުމުގެ ވާހަކަތައް އޭރު ނޫރާއާއި ހިއްސާކުރުމުގެ ބަދަލުގައި ނޫރާ ދުރުކޮށްލެވުމެވެ. މިއަދު ލަޔާން ބޭނުންވަނީ އެ ދުވަސް އަނބުރާ ނުގެނެވުނަސް ލަޔާންގެ ހަގީގީ ލޯބި އަލުން ލަޔާންގެ ޙަޔާތަށް ގެންނާށެވެ.
މިހާރު ނޫރާ އެއިނީ ލަޔާންގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ނޫރާ ޖަޕާނަށް އެ ދަނީ 1 ހަފްތާގެ ތަމްރީން ޕްރޮގްރާމަކަށެވެ. ނޫރާއާއި އެކު މިއަދު ލަޔާންވެސް ދާތީވެ ނޫރާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ. މި ދަތުރު ނިންމާފައި އަންނައިރު ދެކުދިންގެ ގުޅުން ކައިވެންޏާއި ހަމައަށް ގެންދެވޭނެކަމުގެ ފޮނި އުއްމީދުގައެވެ.
-ނިމުނީ-
ލޯބި ވާހަކައެއް...