އިމްތިހާނުގެ ވަގުތު ދިގުވެއްޖެނަމަ ބައެއް އިންސާނުންގެ ބުއްދި ހަމައިން ނެއްޓެއެވެ. އަހަރެންގެ ބޭބެއަކީ އެކަހަލަ މީހެކެވެ. އަހަންނާއި އަހަރެންގެ ބޭބެއާއި މަންމަ ދިރިއުޅެނީ މާލޭން އެއްކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފައިގެނެވެ. ދެބެންގެ ޅަފަތުގައި ބައްޕަ ނިޔާވެފައި ވުމާއެކު އަހަރުމެން ތިންމައިން އުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލެއްގައެވެ. އުފެދުމުގައިވެސް އަހަންނަކީ ނުކުޅެދުން ތެރިކަން ހުންނަ ކުއްޖެކެވެ. އެހެންކަމުން މަންމަގެ އަޅާލުމާއި ލޯބި ބޭބެއަށް ވުރެ ބޮޑަށް ލިބެމުން ދިޔައީ އަހަންނަށެވެ. އަހަންނާ މާ ގާތް ގުޅުމެއް ބޭބެ ނުބާއްވަނީ އެސަބަބާ ހުރެކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ބޭބެ ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ.

ފުރޮޅުލީ ގޮނޑިއެއްގެ އެހީގައި އަހަރެންގެ ހަޔާތުގެ 20 އަހަރު ހޭދަވެގެން މިދިޔައީ މަންމަގެ ފަސްބައިގައި އެލިގެން އޮއްވައެވެ. އަހަރެންގެ އުމުރަށް ވުރެ އަހަރެންގެ ސިކުނޑި ޅައެވެ. އަޑުއިވުނު ކަމުގައި ވީނަމަވެސް އަނގައިން ބަހެއް ބުނުމުގެ ނަސީބުން ވެސް އަހަރެން ވަނީ މަހުރޫމް ވެފައެވެ. އެހެން ނަމަވެސް އަހަރެންގެ ހާލާމެދު އަހަރެން ހުރީ ރުހިގެންނެވެ. އަހަންނަށް ލިބިފައި ހުރީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ މަންމައެކެވެ. އަހަންނާ ދުރުގައި ހިނދުކޮޅަކު ހުންނަން ޖެހުނަސް އެ މަންމަގެ ހިތަށް ނުތަނަވަސްކަން ވެރިވެއެވެ. އަތްފައިގައި ހުރި އުނިކަމާއި އެކުވެސް އިޝާރާތުން މީހުންނާ މުއާމަލާތް ކުރަން އަހަންނަށް އުނގަންނައި ދިނީ އަހަރެންގެ ލޯބިވާ މަންމައެވެ. މިދުނިޔެ މަތީން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަކީ މައިވަންތަ ކަމުގެ މަތިވެރި ލޯބި ނޫންހެއްޔެވެ؟.

ނުކުޅެދޭ ދަރިއަކު ނުހަނު ލޯބިން ބަލާ ބޮޑުކުރަމުން ދިރިއުޅުމުގެ ހުރިހާ ހަރަދެއް މަންމަ ހަމަޖައްސަމުން ދިޔައީ ގޭތެރޭ އިނދެ ފަހައިގެނެވެ. ހެދިކާ ހަދައި އެ ވިއްކައިގެނެވެ. އެނޫނަސް އަހަރެން ފެންނަ ފަށުގަ ބަހައްޓައިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މަންމަ ކުރިއެވެ. ބޭބެ ކިޔަވައި ނިމި ރަނގަޅު ވަޒީފާއަކަށް ދާން ފެށުމުން މަންމަގެ ހައްޓަށް ވަރަށް ބޮޑުތަނުން ލުއިވެގެން ދިޔައެވެ.

ޗައިނާއިން އުފަންވެގެން އައި ކޯވިޑް 19ގެ ތޫފާނީ ރާޅު ދުނިޔޭގެ އެކި ހިސާބުތަކަށް ބިންދަމުން އައިސް މާލޭގެ ފުޅަށްމަތީން އަރާ ބޯ ދިއްކޮށްލި އިރު އަހަރުމެން ދިޔައީ ބޭބެގެ އަލަތު ކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތަށް ވަމުންނެވެ. ދެކޮޓަރީގެ އާ އެޕާރޓްމެންޓެއް ހޯދައިގެން ބޭބެ އުޅޭތީ އަހަރެން ހުރީ އެތަނަށް ބަދަލުވާ ހިތުން ކެތްމަދުވެފައެވެ. ޝެހެނާއަކީ ޔޫރަޕްގެ ގޮތްގަނޑެއް ހުންނަ އަންހެނެކެވެ. އަހަރެންގެ އާއިލާއިން ޝެހެނާއަށް އެންމެ ކަމުނުދިޔަ އެއްޗަކީ އަހަރެންނެވެ. ކައިވެންޏަށް ފަހު ޝެހެނާ ބޭނުންވީ ވަކިން ދިރިއުޅޭށެވެ.

ބޭބެ ބޭނުން ގޮތަކަށް ކަންކުރުމުގެ ފުރިހަމަ އިހުތިޔާރު މަންމަ ބޭބެއަށް ދިނެވެ. އެހެން ނަމަވެސް އަހަރެމެން ދެމައިންނާ ވަކިން ދިރިއުޅެން ބޭބެ ބޭނުމެއް ނުވިއެވެ. ޝެހެނާ ހަތިޔާރު ބެހެއްޓީ ބޭބެގެ ނިންމުން ބަދަލުކުރަން އެކިގޮތް ގޮތުން ކުރި މަސައްކަތް ބޭކާރު ވުމުންނެވެ.

ގެއަށް އިތުރު އަންހެނަކު އަންނަން އުޅޭތީ މަންމަ ހުރީ އުފަލުންނެވެ. އެހެން ނަމަވެސް ކަންކަން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ބީދައަކުންނެވެ. މާލެ ފުރަބަންދު ކޮށްލުމާއެކު ބޭބެގެ ކައިވެނީގެ ތާރީހު ފަސްކުރެވުނެވެ. ނަގަން އުޅުނު އެޕާރޓްމެންޓް ދޫކޮށްލިއެވެ. ބޭބެއާ މަންމައަށް ލިބެމުން ދިޔަ އާމްދަނީ މަދުވިއެވެ. ފެތުރެން ފެށި ބަލިމަޑުކަމުގައި މާލޭގެ ހާލަތު ބޮއްސުންލާދާތަން ފެނުމުން އަހަރެންގެ ރައްކާތެރިކަމަށްޓަކާ އަހަރެން ގޮވައިގެން ރަށަށް ބަދަލުވާން މަންމަ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އެހެން ނަމަވެސް އެކަމަށް އެޅުނު ހުރަހަކީވެސް ހުދު އަހަރެންގެ ބަލިހާލަތެވެ. ހާލަތަށް ރުހުން ނޫން ގޮތެއް ނެތުމުން އަހަރުމެން ދެބެންނަށް ހާއްސަކޮށް ބޭބެއަށް ހުއްޓާނުލާ ކޮންމެ ދުވަހަކު މަންމަ ދިޔައީ ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތްހާ ކަމެއް ކުރުމަށް ނަސޭހަތް ތެރިވަމުންނެވެ.

ފުރަތަމަ ދުވަސްކޮޅު ބޭބެ ކޯވިޑާއެކު އުޅެން ދަސްކުރިއެވެ. އޮފީހަށް ދިއުމާ ބޭރުތެރޭގައި އުޅުމުގައިވެސް ރައްކާތެރިވިއެވެ. ބޭބެ މާ ވަރަކުން ބަލައިގެން އުޅޭތި ޝެހެނާއާ ބޭބެގެ ބައެއް އެކުވެރިން އޭރުވެސް ދިޔައި ބޭބެއަށް ޖޯކު ޖަހައި ދިމާކުރަމުންނެވެ. އެމީހުންގެ ވިސްނުމަށް ހިތާހިތުން ތާއީދު ކުރެވުނު ނަމަވެސް މަންމަގެ ބަސް، ބޮލާލާ ޖަހަން ބޭބެއަކަށް ނުކެރުނެވެ. އެހެންކަމުން ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލުމުން އަހަރުމެންނާއެކު ބޭބެވެސް ވެކްސިން ޖަހާ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރިއެވެ. ބޭބެ ނުއަތަށް އެނބުރެން ފެށީ ޝެހެނާއަށް ކޯވިޑްޖެހި ކުޑަގޮތަކަށް އެކަން ނިމިގެން ދިޔަ ހިސާބުންނެވެ. ބަޔަކު މީހުން ކިޔަންފެށި ޅެންބައިތު ބޭބެވެސް ކިޔަން ފެށިއެވެ. ކޯވިޑަކީ ދާއިމީ ބައްޔެކޭ ބުނެ އެއާ އެކު އުޅެން ދަސްކުރަން ޖެހޭނެ ކަމަށް ބޭބެ ބުނަން ފެށިއެވެ.

އަހަރެންގެ ހާލަތު ބޭބެއަށް މަންމަ ކިޔައިދިނެވެ. އެހެން ނަމަވެސް ބުނާތީ އަޑުއަހަމެވެ. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ. ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމަށް ދޮޅު އަހަރު ވެގެން ދިޔައިރު އެބައްޔަށް ގިނަބަޔަކު އާދަވެއްޖެއެވެ. ބޭބެއަށްވެސް ވެފައިހުރީ އެހެނެވެ. ބައްޔާ މެދު ފަރުވާކުޑަ ކޮށްލިއެވެ. ކޮޓަރި ތަޅުލައިގެން ފިލާ އޮތަސް ޖެހެން ހުރި ބައްޔެއް ޖެހޭނެކަމަށް ބުނެ މަންމަގެ ނަސޭހަތްތައް ބޮލާލާ ޖެހިއެވެ. އެކަމުގެ ނަތީޖާ ފެނުނީ ބޭބޭ ހީވެސް ނުކުރާހާ ހިތިގޮތެއްގައެވެ. އަހަރުމެންގެ ގޭގެ ދޮރުއަށިން ކޯވިޑްގެ ވަބާ އެތެރެވެއްޖެކަން އަހަރުމެންނަށް އެނގުން ވީ ބޭބެ ގަދަހުމެއްގައި ޖެހި ތަންމަތިވުމުންނެވެ. ބޭބެގެ ހިދުމަތުގައި މަންމަގެ ވަގުތުތަށް ހުސްކޮށްލަން މަޖުބޫރުވީ ބޭބެގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން ދިއުމުންނެވެ. ފެސިލިޓީއަށް ގެންދަން މަޖުބޫރުވި ހިސާބުން މަންމަގެ ދެލޮލުން ކަރުނަ ނުހިލޭ އެންމެ ހިނދުކޮޅެއް އަހަރެން ނުދެކެމެވެ. އެހެން ނަމަވެސް ﷲ އަށް ހަމްދު ހުއްޓެވެ. މަރާ ހަގުރާމަ ކުރުމަށްފަހުގައި ނަމަވެސް ބޭބެއަށް ޝިފާ ލިބުނެވެ. އެނބުރިގެއަށް އައެވެ. ހާލަތު ރަނގަޅުވީކަމަށް އުންމީދު ކުރީމެވެ.

ކުރެވުނީ ކުށްހީއެއްކަން އެނގުންވީ މަންމަ ތަންމަތިވި ހިސާބުންނެވެ. އަންނަންފެށި ހުންގަޑު ހިނދުކޮޅަކަށް މައިތިރި ވެ ނުލާ ދެތިން ދުވަސް ވެގެން ދިޔައިރު ކެއްސަ ކެއްސާ މަންމަ އަވަދި ވެއްޖެއެވެ. ނޭވާކުރުވެ ދެން ނުހުރެވޭނެކަން ޔަގީންވުމާ ހަމައަށް މަންމަ ހުރީ ގޭގައެވެ. އެހާލަތުގައިވެސް މަންމަގެ ފިކުރަކަށްވީ އަހަރެންނެވެ. މަންމަ ހިނގައްޖެނަމަ އަހަރެންނަށް ވެދާނެ ގޮތެއް ހިޔާލުކޮށްލަންވެސް މަންމައަށް ނޭނގުނެވެ. ފެސިލިޓިއަށް ގެންދެވުމާއެކު އެންމެ ފުރަތަމަވެސް މަންމައަށް ފަރުވާ ދޭން ޖެހުނީ އައިސީޔޫގައެވެ. ދުވަހަކަށް ވުރެން ދުވަހެއް މަންމަގެ ހާލު ދިޔައީ ގޯސްވަމުންހެވެ. އައިސީއޫގައި ހަތަރު ދުވަހު ބޭއްވުމަށްފަހު މަންމަގެ ހާލު އިތުރަށް ގޯސްވެ ވެންޓިލޭޓަރަށް ބަދަލުކުރެވުނެވެ. ހަރަކާތެއް ނެތި ދެދުވަހު އޮތުމަށްފަހު މަންމަ މިފަނާވަނިވި ދުނިޔެއަށް އަލްވަދާއުކީ ހަބަރު ލިބުމާއެކު ބޭބެ އަޑުން އަޑުނަގާ ރޯންފެށިއެވެ. އެއީ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ދުވަހެކެވެ.

ހިތް ކުދިކުދިވެ ރޮމުން އަހަރެން ގޮވަން އެނގުނު ގޮތަކަށް އަޑުނެރެ މަންމައަށް ގޮވީމެވެ. އެހެންނަމަވެސް އަހަރެންގެ އަޑު އިވި އެދުވަހު މަންމައެއް ނައެވެ. އަހަރެން މަސަލަސްކުރަން ބޭބެ ތެދުވިތަން ފެނުމުން ފުރަތަމަ ފަހަރު ބޭބެއާ ދިމާއަށް އަހަރެން އަޑުނެރެ ހަޅޭލެވީމެވެ. އަތުގެ އިޝާރާތުން އަހަރެން ބުނީމެވެ. ބައްޔާ އެކު އުޅެން ބޭބެ ދަސްކުރި ދުވަހު އަހަރުމެންގެ މަންމަ ހުރީ ހެޔޮހާލުގައެވެ. ކޯވިޑަކީ ﷲ ފޮނުއްވެވި ކޯފާއެކެވެ. ޖެހެން ހުރި ބައްޔެއް ޖެހޭނެކަން ދެނެވޮޑިގެންވާ ފަރާތަކީ އެފަރާތެވެ. ރައްކާތެރިވެ އުޅުމަށް އަހަރުމެންގެ ދީން ބާރު އަޅަނީވެސް އެކަން އެހެން އޮއްވާ ނޫންހެއްޔެވެ. އެކަމަކު ބޭބެ ފަރުވާކުޑަކޮށްލީއެވެ. ބައްޔާ އެކު އުޅެން ދަސްކުރަނީ ކަމަށް ބުނެ ގޮންޖަހާލީ ނޫންހެއްޔެވެ. އަހަރެން ރޮމުން ލެވިހާ ހަޅޭކަށް ބޭބެ އިހުތިޔާރު ކުރީ ހަނުހުރުމެވެ. މަންމައަށްފަހު ބޭބެ އަހަރެންގެ ޒިންމާތައް އުފުލަމުން އެދަނީ ކަށިން ހިތްވަރުނެރެގެނެވެ.

ޝެހެނާވެސް މަޑުމަޑުން ބޭބެގެ ހަޔާތުން ނުކުމެގެން ހިނގައްޖެއެވެ. އެހެން ނަމަވެސް އެދުވަހަށްފަހު މިއަދާ ހަމައަށް އަހަރެން ބޭބެއާ ހަތަރުކަޅި ހަމަކޮށް އެންމެ ފަހަރަކުވެސް ބަލާނުލަމެވެ. މަންމަ ނެތްކަމުގެ ފަޅުކަން ބޭބެއަށް ދުވަހަކުވެސް ފޫބައްދައެއް ނުދެވޭނެއެވެ. އަހަރެންނަށް ބޭބެއާ މެދު ކަންތައް މި ކުރެވެނީ ރަނގަޅަށް ނޫންކަން ވިސްނޭނެހާ ބާރު އަހަރެންގެ ސިކުނޑިއަކު ނެތެވެ. އަދި މިއީ ﷲ މިންވަރު ކުރެއްވިގޮތްކަން ވިސްނައި ދޭކަށް މިއަދު މަންމައެއްވެސް ނައެވެ.