ރޯދަ މަހަށް ހާއްސަކޮށްގެން މި އަހަރު ވެސް އާންމުންނަށް ހުޅުވާލައިގެން ކުރުވާހަކަ ލިޔުމުގެ މުބާރާތަށް 'ދަ ޕްރެސް' ނޫހުން ހުޅުވާލައިފިއެވެ.

މިދިޔަ އަހަރު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތް މި އަހަރު ވެސް ބާއްވަން ނިންމާފައިވާ އިރު، އެ މުބާރާތުގައި ހުރިހާ އުމުރު ފުރާއަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދި މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކަކީ ލިޔުންތެރިޔާ ބޭނުން ކޮންމެ މައުޟޫއަކަށް ލިޔެވޭނެ ވާހަަކައެކެވެ.

ވާހަކަ ލިޔާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް:

  • ވާހަކައިގެ ދިގުމިން: އޭ4 ސައިޒުގެ 3 ސޮފްހާ.
  • ވާހަކަ ލިޔަން ޖެހޭ ފޮންޓް އަދި ސައިޒް: ފަރުމާ ފޮންޓުގެ ސައިޒު 12.
  • ހުށަހަޅަން ޖެހޭ ފޯމެޓް: މައިކްރޮސޮފްޓް ވޯޑް ފައިލް

ހުށަހަޅާ ވާހަކަތައް ލިޔެ ނިންމުމަށް ފަހު ލަސްވެގެން މާޗް މަހުގެ 7 ވަނަ ދުވަހުގެ ކުރިން 'ދަ ޕްރެސް' އަށް ފޮނުވަން ވާނެއެވެ. އެ ވާހަކަތަކުގެ ސޮފްޓް ކޮޕީ (މައިކްރޯސޮފްޓް ވޯޑު ފައިލް) ފޮނުވާނީ، 'ދަ ޕްރެސް' ގެ އީމެއިލް އަށެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުވާލި މި މުބަރާތަށް ހުށަހަޅާ ކުރު ވާހަކަތަކުގެ ތެރެއިން އެންމެ ރީތި 30 ވާހަކަ "ދަ ޕްރެސް" ގެ ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ. އަދި އެ 30 ވާހަކައިގެ ތެރެއިން އެންމެ މޮޅު ތިން ވާހަކަ ހޮވާ އިނާމު ދޭނެއެވެ.

އިނާމުތައް:

  • 1 ވަނަ 1500 ރުފިޔާ
  • 2 ވަނަ 750 ރުފިޔާ
  • 3 ވަނަ 500 ރުފިޔާ

ވިދިވދިދިގެން އައި 5 އަހަރުގެ ރޯދަ މަހު ވެސް 'ދަ ޕްރެސް' އިން ވަނީ ކުރު ވާހަކަ ލިޔުމުގެ މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތުގައި ވެސް ގިނަ ބަޔަކު ބައިވެރިވެ ރީތި ވާހަކަތަކެއް ހުށަހެޅިއެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ކުރުވާހަކަ މުބާރާތުގެ އެންމެ ރީތި 3 ވާހަކަ ހޮވާ ވަނީ އިނާމުވެސް ދީފައެވެ.

މި އަހަރު ހުޅުވާލި މި މުބާރާތަށްވެސް އިބްރަތްތެރި، ކިޔާހިތްވާ، ރަނގަޅު ފެންވަރުގެ ވާހަކަތަކެ ހުށަހަޅާނެ ކަމަށް އުންމީދު ކުރަމެވެ.