އެއީ އަހަރެމެން ފަންނުގައި ކުޅެން އުޅުނު ޅަފަތުގެ ދުވަސްވަރެވެ. އަހަރެންގެ އުމުރުން އެންމެ 13 އަހަރެވެ. އުމުރުފުރާގެ ގިނަ ކުދިންގެ ކައިވެނި ދަނީ ކުރެވެމުންނެވެ. މައިންބަފައިން ދެއްކި މީހަކާ ލޮލާ ބޮލުން ރުހިގެން ތިބެނީ އުއްފުވެސް ބުނެފިނަމަ އިލޮށިފަތިންނާއި ދަނޑިބުރިތަކުން ތަޅައި ރޯނާ ކޮށްލާނެ ކަން ޔަގީންވާތީ ގަންނާ ކުރައްވާ ބިރުންނެވެ.

"ޒުލްފާ ކޮންތާކަށް؟"

ކަޅު ސައިތައްޓަކާ ފާރޮށި ކިބައެއް ހިފައިގެން އަށިމައްޗަށް އަރައި އިން ބައްޕައަށް އަހަރެން ގެއިން ނުކުތްތަން ފެނުމާއެކު ގޮވާލިއެވެ. ބައްޕަ ކައިރީ ބައްޕަ އުމުރުގެ ސުލޭމާނު އިށީނދެލައިގެން އިންއިރު ކުޑަފުތު ކިހިލި ޖަހާލައިގެން މަންމަ ސީދާ އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. މަންމައަކީ ސިނގުރުޅިއެއް އަރާ މީހެކެވެ.

މިއޮތީ މިއަދު ކުޅެން ދެވިފައެވެ. އަހަރެން ކުސްތަޅާލީމެވެ.

"އައްޕާ އަންނާނަމޭ ލަސްނުވެ".

"އެއްތާކަށްވެސް ދާނެ ކަމެއްނެތް. މީނދަ ސުލޭމާނާ އިންނަން ތައްޔާރުވޭ. މިރޭ އަންނާނެ ހެކިވެރިން"

ބައްޕަ އިއްވާލި ހަބަރުން އަހަރެންގެ އަނގަހުޅުވި ދެލޯ ބޮޑުވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން ވަރުގެ ކާފަކިޔާ ދަރިން ތިބި މީހަކާ އަހަރެންގެ ކައިވެނި ހަމަޖެހިގެން ދިޔައިރު އަހަރެން މިހުރީ ދެނެހުރިތާނގައެވެ. އެޒަމާނުގެ ގޮތުން ކިރިޔާ ފޯރުންތެރިކަމެއް ހުރި މީހަކީވެސް ބަފައިންގެ އަތުގައި ޖެހޭ ޖަވާހިރު ގަނޑެކެވެ.

ސުލޭމާނަކީ މަސްދޯންޏެއް ގެންގުޅޭ މީހަކަށް ވުމުން އަހަރެންގެ މައިންބަފައިން އެތިބީ ހެވިދިލިފައެވެ. އަހަރެންގެ ޒަމާން މިދިޔައީއެވެ. ވީ ދެރައިން ތުންފިއްތާލައިގެން ހުރެ ގޭތެރެއަށް ވަތްގޮތަށް މޭގައި އަތުން ތަޅައިގެންފައި އަޑުގެ ނެތްތަނަށް އަހަރެން ރޮއެގަތީމެވެ. އެ އަޑު އިވި ކަހާތަން ހިރުވާލުމެއްނެތި ދުފައި ރަތް އަރުވާލައިގެން ބައްޕަ ނުކުތީ ސުލޭމާނާއެކު ހެކިވެރިން ހޯދާށެވެ. ބައްޕަ ދިއުމާއެކު ރޯޅިއެއްހެން އެނބުރި ގަތީ މަންމައެވެ.

ގޭތެރޭ ހުއްޓުނުއިރު ވަޅުގިފިލި ދޮރުގައި ލައްގާ ދަނޑިބުރި އޮތީ މަންމަގެ އަތަށް ހެޔޮވަރު ކޮށްލާފައެވެ. ގަތްބިރާއެކު އަހަރެން ގޮސް ޖެހުނީ ބޮޑުއަށި ބިއްދޮށު ކަނުތެރެއަށެވެ.

"ދެން ނިކަން ހޭރިބަލަ"

މަންމަ ބުނެލީ އެންމެ ބަހެކެވެ. އެއަށްފަހު ދެލޯ އަޅަމުން ނުކުމެގެން ހިނގައްޖެއެވެ. އިތުރަށް އެންމެ އަޑެއްވެސް އަހަރެންގެ އަރުބުޑުން ބޭރުކޮށްލާކަށް ނުކެރުނެވެ. ހިތާމައިގައި ހަތަރު އުދަރެސް ފެނުޖެހިފައި އޮއްވައި އެކުވެރި މަލަކަ އަހަރެން ހޯދަން އައިސް ވަދެއްޖެއެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު މަންމަ ގެއަކު ނެތެވެ.

"އަސްތާ ޒުލްފާ ރޮނީތަ؟"

ކަންބޮޑުވެފައި މަލަކަ އަހަރެން ކައިރީ އިށީނެވެ. އެކުވެރިޔާ ފެނި އަހަރެންގެ ހިތުގެ ގިލަންވެރިކަން ބޮޑުވެގެން ހިނގައްޖެއެވެ.

"މަށެއްވާ ނެތް. އައްޕަ މަދީފި ސުލޭމާނަށް"

އަހަރެން ލޮލުން ކަރުނަ އަޅަމުން ބުނީމެވެ.

"ޔާރައްބީ އެއުޅޭ ހާޖީގެ އައްޕައަށް".

މަލަކަ މޭގައި އަތްއަޅާލީ ދެލޯ ބޮޑު ކޮށްލަމުންނެވެ.

"އެއީ ހާދަހާވާ އަނިޔާވެސް ކުރާ މީހެކޭ. ދެން މަ ހަދާނީ ކިހިނެއް؟".

ގޮތްހުސްވެފައި ހުރެ މަލަކަ އަތުގައި އަހަރެން ހިފީމެވެ. ވިސްނާލާފައި މަލަކަ ދިނީ ރަނގަޅު ހިޔާލެކެވެ. ޖެހިގެން އޮތް ރަށުގައި އުޅޭ މަލަކަގެ ބޮޑުދައިތަ ކައިރިއަށް އަހަރެން ފިލައިގެން ދާންވީއެވެ. ސުލޭމާނާ ކައިވެނި ކުރުމަށް ވުރެން އެގޮތް ރަނގަޅުކަމުން އަތުގައި އޮތް ދެ އަންނައުނު އޮޅާލައިގެން މަލަކައާ އެކު ފިލައިގެން ނުކުތީމެވެ. ވަލުތެރެއިން އަހަރެމެން ނުކުތީ ފުއްޓަރު ފަރާތަށެވެ. އެއަށްފަހު މަލަކައަށް ވަދާއީ ސަލާންކޮށް ފުއްޓަރުމަތިން ގިނިކަންޏާ އަހަރެން ދަތުރު ފެށީމެވެ. އިރު އޮއްސެމުން ދިޔަ ވަގުތާ ދިމާކޮށް އެކަނި ދާން ޖެހުމުން ޖެހިލުންވިޔަސް މިވަގުތު ސުލޭމާނަށްވުރެ ބޮޑު ބިރެއް އަހަރެންގެ ހަޔާތުގައި ނެތެވެ.

އަހަރެންގެ ނަސީބު ހީކުރި ވަރަށްވުރެ ރަނގަޅެވެ. އެރަށަށް އަރައި ބޮޑުދައިތަ ހޯދައި އަހަރެންގެ ހާލު ކިޔައިދިނުމުން އަހަންނަށް ހަމްދަރުދީވެ އެގެއިން ބޯހިޔާވަހިކަން ދީފިއެވެ. ސުލޭމާނުގެ އަތްދަށު ނުވެ ސަލާމަތް ވެވުނީތީ އެރޭ އަހަރެން އުފަލުން އޮވެ ނިދީމެވެ. އޭރު އަހަރެން ގެއްލިގެން ބިގަރު ދިއްލައި ރަށުގެ ރައްޔިތުން އެއްކޮށްގެން ބައްޕަ ދިޔައީ މުޅި ރަށުތެރެ އަތްފުނާ އަޅަމުންނެވެ. ބޮޑުދައިތައާއި ބޮޑުދައިތަގެ ދަރިން އަހަންނަށް ހީކުރި ވަރަށް ވުރެންވެސް ހެވެވެ. އެ ގޭތެރޭގައި ދެދުވަސް ވެގެން ދިޔައިރު އަހަރެން މައިންބަފައިން މަތިން ހަނދާންވެސް ނެތިއްޖެއެވެ.

އައު ދުވަހަކަށް އެރި އިރާއެކު އަހަރެންނާ ބޮޑުދައިތަގެ ފާތިމާ ތިބީ ދެކުނު ފަޅީ އަތިރިމަތީގައި ތެލިތައް ދޮންނަން ގޮހެވެ. "ފާތިމާ" އޭ ކިޔާފަ މާ ގާތްގޮތަކަށް ގޮވާލި އަޑަށް އަހަރެމެން ދެމީހުން އެކުގައި ބަލައިލީމެވެ. އޭރު މުންޑެއް އަނދެލައިގެން ހުރި ހަށިހެޔޮ ފިރިހެން ވަންތަ ފިރިހެނަކު ހުއްޓިލައިގެން ހުރެ އަހަރެންނަން ބަލަމުން ދިޔައެވެ.

"އަންހެނަކު ތަނަކު ހުރިއްޔާ އަޅެ ޒުބޭރަށް ވަސް އަރަނީތަ؟".

ފާތިމާގެ ވާހަކަ ދިޔަގޮތުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

"ދެން އަހަރެމެން ހުސްކޮށްތިބޭ މީހުންނަށް ވާނީވެސް އެކަހަލަ ގޮތެއްތާ ދޯ! ތިމާގެ ކުއްޖެއްތަމީ؟".

"ނޫނޭ. އޭނަ އައްޕަ އޭނަ މުސްކުޅިއަކާ ދެވަން އުޅެގަތީމަ ފިލައިގެން އައިސް އުޅޭ ކުއްޖެއް މީ".

ފާތިމަ އެހައި ތަފްސީލަށް ދިއުމުން އަހަރެން ވަރަށް ލަދުގަތެވެ.

"ނާހަމަ ތެދެއްތަ؟ އެކަނިތަ އައީ. ދަރިއަކުވެސް ނެތްތަ އަދި؟"

ޒުބޭރު ވަރަށް ބޮޑަށް ޝައުގުވެރިވެފައި އަހާލިއެވެ. އޭރު އަހަރެން ލަދުން މަރުވުމާ ގާތްވެއްޖެއެވެ.

"ހޫމް އެކަނިވެރިން އެކަނިތާ އަންނާނީ. މިހާރުވެސް އެހެރަ ކިޔަނީ ވިއްޔާ. ޒުވާން ދިވެހި ކަޅު ފިރިހެނަކާ ނޫނީ މަށެއްވާ ނީންނާނަމޭ".

"އެހެންތަ؟".

ފާތިމަގެ ވާހަކައިން ޒުބޭރު މޭފުއްޕާލި އިރު ހީވީ ދުނިޔޭގެ ރަސްކަން ހިތަކަށް ލިބުނުހެނެވެ. ތެލިތައް ދޮވެ ނިމުމާއެކު ހެމުން ހެމުން ފާތިމައާއި އަހަރެން ދުވެ ފިލާފީމެވެ. އޭގެ ފަހުން ޒުބޭރު ނުފެންނަ މަގަކަށް، ވަލަކަށް، އަތިރިއަކަށް، ފަސްގަނޑަކަށްވެސް އަހަރެންނަކަށް ނުދެވެއެވެ.

ދެރޭ ދެދުވާ ދިޔައީ މިހާލެއްގައެވެ. އިރުކޮޅަކަށް ޒުބޭރު ނުފެނި ގެއްލުނަސް، ކެއުމެއް ނިދުމެއްނެތި އަހަރެންގެ ދެލޯވެސް އޭރު ޒުބޭރު ހޯދަން ފަށައެވެ. އެންމެ ފަހުން ބޮޑުދައިތައަށްވެސް މިކަމުގެ ހަބަރު ލިބިއްޖެއެވެ.

"ދެން ތިހެން ކަމަށް ވަންޏާ ބޭބެ ކައިރީ އަހަރެން ބުނަންވީތަ ޒުބޭރާ ވާހަކަ ދައްކަން".

ބޮޑުދައިތަ ސަމާސަ ރާގެއްގައި ބުނެލިއެވެ. ބޭރުން ޒުލްފާއޭ ގޮވާ ހަޅޭލަވަމުން އަހަރެންގެ ބައްޕަ އައިސް އެގެއަށް ވަނީ ހަމަ އެވަގުތުއެވެ. ބައްޕަ ފެނުމުން އަހަރެންގެ ހޭބުއްދި ފިލާ ނުދިޔައީ ކިރިޔާއެވެ. އެގޭގައި އަހަރެން ހުރި ހަބަރު ބައްޕައަށް ލިބުނު ގޮތެއްވެސް ނޭނގެއެވެ. ހެއްދެވި ނެހެއްދެވިއަށް ގޮވަމުން އިސްތަށިގަނޑުގައި ހިފައި ދަމަމުން ބައްޕަ އަހަރެން އެގެއިން ގަދަކަމުން ނެރެގެން ގެންދަން ފަށައިފިއެވެ. އަހަރެންނަށް ޒުބޭރު ފެނުނީ އަތިރިއަށް ކުޅިބަލަން އެއްވެފައި އޮތްހައި މީހުންގެ ތެރެއިންނެވެ. ރުޅި އައިސްގެން އެނބުރެމުން ދިޔަ ކުޅަނދުރެއްހެން ހުރި ބައްޕައާއި ކައިރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ޒުބޭރަކަށް ނުކެރުނެވެ. ތަޅައި އަނިޔާކުރަމުން ބައްތެއްޔަށް އަރުވައި ރަށަށް ގެންދިޔައިރު މަންމަ ހުރީ އެއްވެފައި އޮތްހާ ބައެއްގެ އެންމެ ކުރީގައެވެ. މަންމަ އަތުގައި ޖެހުމުން ދެން ހީވީ ރޮލާ ނޮޅައި އަހަރެން ކާޅަށް ކާން ދީފާނެހެންނެވެ. ގެއާ ހަމައަށް ގެންދިޔައިރު އަހަރެން ލައިގެން ހުރި އަންނައުނު ވީދި ގައިން ބޮޑުބައެއް އޮތީ ހާމައަށެވެ. އަހަރެންގެ ރުއިމުގެ އަޑުން މުޅި އެހިސާބުގަނޑު އޭރު ދިޔައީ ގުގުމަމުންނެވެ.

ހަމަ އެރޭ އަހަރެން ސުލޭމާނައި އިންނަން ރަން ކިޔުއްވައިފިއެވެ. ޖެހިގެން އައި ދުވަހު، އަހަރެންގެ ނުރުހުމުގައި ނަމަވެސް، އަހަރެންނާ ސުލޭމާނުގެ ކައިވެނި ކުރެވިގެން ހިނގައްޖެއެވެ. ގަދަބާރުން ކުރުވި ކައިވެންޏަށް މިއަދު ތިރީސް އަހަރު ފުރި ހަތް ދަރިން ލިބި ބޮޑެތި ވެފައިވީ ކަމަކު އެ ދުވަހު އަހަރެންގެ މޭގައި ގަދަބާރުން ލެއްވި ޒަހަމުތަކުގެ ރިހުން އަދިވެސް ނުފިލައެވެ.

- ނިމުނީ -