ސ. ހުޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޖަސިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ނިންމާ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޖަސިމް ހައްޔަރު ކޮށްފައި ވަނީ ސެޕްޓެމްބަރު 4، 2015 ގައި ސ. ހުޅުދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މައްސަލައިގައި ފުލުހުން ވަނީ އެ ރަށުން ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ އަލީ ރުޝްދީ އާއި ޖަސިމް އާއި އަހްމަދު މުނާފިސްއެވެ.

ކޯޓުން މައްސަލަ ބަލައި މިއަދު ހުކުމް ކޮށްފައި ވަނީ ޖަސިމްގެ މައްޗަށެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަލީ ރުޝްދީ ޑައިފޯމިން ޓްރެފިކް ކުރި މައްސަލައިގައި ޖަސިމް ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ކަމަށެވެ. އެގޮތުން އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށް 1 ލައްކަ ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

25 އަހަރުގެ ޖަލު ހުކުމުން، އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު ޖަސިމް ތަންފީޒް ކުރަން ޖެހޭނީ 17 އަހަރާއި 6 މަސް ދުވަހާ 14 ދުވަހެއްގެ ޖަލު ހުކުމެކެވެ. އަދި އޭނާ ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ.

ހުޅުދޫގައި ހިންގި އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރު ކުރުން!

އެ ރަށުގައި މަސްތުވާތަކެތި ބޭނުކޮށް، ގެންގުޅޭ، އޭގެ ވިޔަފާރި ކުރާ މީހުން އުޅޭ ގޭގެ ބަލައި ފާސްކުރުމުގެ ތެރެއިން ސ. ހުޅުދޫ، ހިކިއުނިމާގޭގައި އަލީ ރުޝްދީ މަސްތުގެ ހާލުގައި ހުއްޓާ ފުލުހުން އަތުލައިގަތީ ސެޕްޓެމްބަރު 4، 2015 ވަނަ ދުވަހުއެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމުން ސ. ހުޅުދޫ، ދޭލިޔާގޭ، އިރުފާން ތަގިއްޔު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށާއި، އަރުފާން ގެންގުލޭ ބިދޭސީ މީހާ ވެސް މިކަމުގައި ބައިވެރިކޮށްގެން ވިޔަފާރި ކުރާ ކަމަށް ރުޝްދީ ވަނީ ބުނެފައެވެ.

އެހެންކަމުން ފުލުހުން ވަނީ ރުޝްދީ ލައްވާ ޖަސިމްއަށް ގުޅާ މަސްތުވާތަކެތި ބޭނުންވެގެން އުޅޭ ކަމަށް ބުނުވާފައެވެ. އަދި ޖަސިމް އެ ތަކެތި ލިބޭނެ ކަމަށް ބުނުމުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގޮސް އެގެ ބަލައި ފާސްކޮށް ޖަސިމް ހައްޔަރު ކޮށްފައެވެ.

ޖަސިމްއާ ސުވާލުކޮށް އެގެ ބަލައި ފާސްކުރި އިރު، އަލީ ރުޝްދީ ޖަސިމް އަތަށް ފޮރުވަން ދިން ޕެކެޓެއް ގިފިލީގައި ވަޅުލާފައި ވާނެ ކަމަށް ޖަސިމް ވަނީ ބުނެފައެވެ. އެހެންކަމުން ފުލުހުން ގޮސް އެތަން ކޮނެ ބެލި އިރު، އެތަނުން 49.89 ގްރާމް ޑައިފޯމިން ހުރި ރަބަރު ކޮތަޅެއް ވަނީ ފެނިފައެވެ.

މީގެ އިތުރުން ރުޝްދީ ދިން މައުލޫމާތުގައި އިރުފާން ދިން މަސްތުވާތަކެތި އަހްމަދު މުނާފިސް އާއެކު ގޮސް ހުޅުދޫ ކުނިކޮށީ ސަރަހައްދުގައި ވަޅުލި ކަމަށް ބުނެފައި ވުމުން ފުލުހުން ވަނީ މުނާފިސް ހޯދާފައެވެ. އޭނާ ހޯދި އިރު، ހުރީ މަސްތުގެ ހާލުގައި ކަމަށާއި އަދި އޭނާއާ ސުވާލު ކުރުމުން ވެސް ރުޝްދީ ބުނި ހެން ކުނިކޮށީ ކައިރީ މަސްތުވާތެކެތި ވަޅުލި ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެ ސަރަހައްދުން އެ ތަކެތި ފެނިފައި ނުވާތީ އިތުރަށް ސުވާލު ކުރުމުން މުނާފިސް ވަނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގައި އެތަކެތި ވަޅުލާފައި ހުންނާނެ ކަމަށް ބުނެފައެވެ. އެތަން ބަލައި ފާސްކުރި އިރު، ޖޫސްޕެޓީ ކޮތަޅެއްގެ ތެރެއިން 14 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. ތަހުލީލު ރިޕޯޓްތަކުން އެ 14 ޕެކެޓްގައި ވެސް ހުރީ ޑައިފޯމިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި މުނާފިސް ވަނީ އެންމެ ފުރަތަމަ މަރުހަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފް ވެފައެވެ. އޭނާއާ ގުޅޭ 14 ރަބަރު ޕެކެޓްގެ ޒިންމާ ނަގާފައިވާތީ އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވާ ކަމަށް މީގެ ކުރިން ކަނޑައަޅާފައެވެ.

ދެން މި މައްސަލައިގައި ޝަރީއަތް ނުނިމި އޮތީ އެންމެ ފުރަތަމަ ހައްޔަރު ކުރި އަލީ ރުޝްދީގެ މައްސަލައެވެ. އެ މައްސަލަ ވަކި ގަޒިއްޔާއަކުން ބަލަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.