އައިޑީ ކާޑާއި ޓޯކަން ނަންބަރު ދޫކުރާ ގަޑި އަވަސްކޮށް، ޓޯކަން ނަންބަރު ދޫކުރާ ގަޑި އިތުރުކޮށްފިއެވެ.

އިއްޔެގެ ނިޔަލަށް ޑީއެންއާރުން ޓޯކަން ނަންބަރުތައް ދޫކުރަމުން ދިޔައީ ހެނދުނު 10 އިން ފެށިގެން، ދުވާލަކު 400 ނަންބަރަށް ހިދުމަތްދޭ ގޮތަށެވެ.

އިއްޔެ ކުރި އިއުލާނުގައި ޑީއެންއާރުން ބުނީ، މިއަދުން ފެށިގެން:

  • ޓޯކަން ނަންބަރުތައް ހެނދުނު 8 އިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް
  • ހެނދުނު 8:30 އިން ފެށިގެން އައިޑީ ކާޑު ދޫކުރަން ފަށާނެ ކަމަށް
  • ދުވާލަކު 600 ޓޯކަން ނަންބަރު ދޫކުރާނެ ކަމަށް

ޑީއެންއާރުން ބުނީ، އެ ތަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމީ އާންމުންނަށް ދޭ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

އައިޑީ ކާޑު ބަލައި ގޮސް ގިނަ ވަގުތު މަޑުކުރަން ޖެހުމާއި، އައިޑީ ކާޑު ނުލިބި މަހަކަށް ވުރެ ގިނަ ދުވަސް ވާތީ އާންމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ. އަދި އައިޑީ ކާޑު ލިބުން ލަސްވުމުގެ ސަބަބުން އަސާސީ ބައެއް ހިދުމަތްތައް ހޯދަން ދަތިވާތީ އެކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.