އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމަށް ފަހު، ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާމަން ކަމުން ވަކިކޮށްދެއް ވުމަށް އެދިވަޑައިގެން، މިއަދުގެ ވަގުތެއްގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރެޓައިޒޭޝަން ބޯޑަށް ވަނީ އޭނާ ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.

ޕީސީބީ އަށް ފޮނުއްވި ސިޓީގައި މައުސޫމް އެދިވަޑައިގަތީ އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުކަމުންނާއި އެ ކުންފުނީގެ ޗެއާމަން ކަމުން ވަކިކޮށްދިނުމަށެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި ސަބަބު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

މަގާމުން ވަކިކޮށްދިނުމަށް އެދިވަޑައިގެން މައުސޫމް ސިޓީއެއް ފޮނުއްވާފައި ވަނީ މިއަދުގެ ވަގުތެއްގައި ސަރުކާރުން ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު މުހައްމަދު އަންސާރާއި، އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމްދާންގެ އިތުރުން، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާން ވަކިކޮށްފައި ވަނިކޮށެވެ.

އެ ތިން ބޭފުޅުން އަދާކުރެއްވި މަގާމުތަކުން ވަކިކޮށްފައި ވަނީ، އެ މަގާމުތަކަށް އެ ތިން ބޭފުޅުން އައްޔަން ކޮށްފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައި ކަމަށް ވެފައި، ތިން ބޭފުޅުން ވެސް އެމްޑީޕީ ދޫކޮށްލައި ޑިމޮކްރެޓްސް އަށް ސޮއިކުރުމުން، މަގާމުތަކުން ވަކިކޮށްދިނުމަށް އެމްޑީޕީން އެދުމުން ކަމަށް، ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، އަންސާރާއި ހަމްދާންގެ އިތުރުން އަލައިކާ މިއަދުގެ ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބައެއް ކަމަށާއި، އެ ތިން ބޭފުޅުން މަގާމުތަކުން ވަކިކުރުމަކީ ދިވެހިންނަށް ލިބޭ ގެއްލުމެއް ކަމަށެވެ.