ފ. ބިލެތްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ހަތަރު މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް، ފ. އަތޮޅު ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ބިލެތްދޫގައި މި މަހު 25 އިން 26 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 38 އަަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް އަދި 36 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރަށް ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން ބިލެތްދޫގެ 8 ގެ އެއް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކޮށްފައި ވާއިރު އެ ގެތައް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު ފެނިފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 4 މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 36 އަހަރުގެ މީހާ، 38 އަހަރުގެ މީހާ އަދި 46 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވެއެވެ. އަދި 45 އަހަރުގެ މީހާގެ ބަންދުގެ ގޮތުގައި ދީފައި ވަނީ 3 ދުވަހެވެ.
ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.